މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި އާލިންގް ހާލަންޑް ޖެހި މޮޅުވި ލަނޑާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އެއީ ބާތިލު ލަނޑެއްކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކާ ދެކޮޅަށް މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ތެދުވެއްޖެއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ހާލަންޑް ޖެހި މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، ރެފްރީންގެ ޖަމިއްޔާ ޕްރޯ ރެފުންވެސް ވަނީ އެއީ ވީއޭއާރު ރެފްރީން ނިންމީ ގޯސް ނިންމުމެއްކަމަށް ބުނެފައެވެ. ނަމަވެސް މަރެސްކާ ބުނީ މި ޑްރާމާގެ ސަބަބުން އޭނާގެ ޓީމުން ކުރި މަސައްކަތުގެ އަގު ވެއްޓިގެން ނުވާނެ ކަމަށެވެ.
މި ނިންމުމަށް ފާޑުކިޔުން އަމާޒުވީ ހާލަންޑް ބޯޅަ ހޯދިއިރު ޔުނައިޓެޑްގެ ޑިފެންޑަރު ޕެޓްރިކް ޑޯގޫ އޭނާ އޮންސައިޑް ކުރި ކަމަށް ވީއޭއާރުން ނިންމި ނަމަވެސް، އޮފްސައިޑް މަގާމެއްގައި ހުރި އެންޒޯ ފެނާންޑޭޒް ބޯޅައަށް ހަރަކާތްތެރިވެ ކުޅުމަށް ނުފޫޒު ފޯރުވިކަން ވީއޭއާރް އޮފިޝަލުންނަށް ނުފެނުމުންނެވެ.
މިކަމާ ގުޅިގެން ފެށޭ ހަފްތާގެ މެދުތެރޭގައި ކުޅޭ ކަރަބާއޯ ކަޕް މެޗުގެ ކުރިން ވާހަކަދައްކަމުން މަރެސްކާ ބުނީ މީޑިއާއިން ހަމައެކަނި މި ނިންމުމަށް ސަމާލުކަން ދިނުމަކީ ދެރަވަރު ކަމެއް ކަމަށެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ފިލް ފޯޑަންއަށް ރަތް ކާޑު ދެއްކުމުން، 70 މިނެޓަށްވުރެ ގިނައިރު 10 ކުޅުންތެރިންނާއެކު ސިޓީން ދެއްކި ހިތްވަރު ފާހަގަކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ސްކްރީން ދޮށުގައި ތިބެގެން ސިކުންތުކޮޅެއްގެ ތެރޭގައި މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ އޮފިޝަލުންނަށް ފަސޭހަކަމެއް ނޫން ކަމަށާއި ގޯސް ހެދުމަކީ ފުޓްބޯޅައިގެ ބައެއް ކަމަށް ވެސް މަރެސްކާ ފާހަގަކުރިއެވެ.
މަރެސްކާ ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ޕެޕް ގާޑިއޯލާގެ އެސިސްޓަންޓަކަށް ހުރިއިރު ހިނގި މިފަދަ ހާދިސާއެއްގެ ހަނދާންވެސް އާކޮށްދީފައެވެ. އެފަހަރު ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އޮފްސައިޑްގައި ހުރެ ކުޅުމަށް ނުފޫޒު ފޯރުވި ނަމަވެސް، ބްރޫނޯ ފެނާންޑޭޒް ޖެހި ލަނޑު ބަލައިގަތުމުން ސިޓީ މެޗުން ބަލިވިއިރު، އެއްވެސް ފަރާތަކުން މައާފަށް އެދިފައި ނުވާކަމަށް އޭނާ ބުންޏެވެ.
މި މޮޅާއެކު މަރެސްކާ ވަނީ އޭނާގެ ފުރަތަމަ ޕްރިމިއާ ލީގު ސީޒަނުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ތާވަލުގެ ކުރީގައި ސިޓީ ހިފަހައްޓާފައެވެ.