ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުން ހަރުދަނާކުރަން ފިނޭންސް މިނިސްޓްރީން މިއަދު ސިންގަޕޫރާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ގެންދަވަނީ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހިމެނިވަޑައިގަންނަވާ ގޮތަށް މިނިސްޓަރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އިއްޔެ ވެސް ސިންގަޕޫރާއި ރާއްޖެއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިއަދު ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގެ ދައުލަތުގެ ކުންފުނިތަކާ ގުޅުންހުރި ކަންތައްތައް ކުރާ ކޯޕަރޭޝަން އެންޓަޕްރައިޒް (އެސްސީއީ) އާއެކުގައެވެ.
އެ ފަހުމުނާމާގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެސްސީއީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޓޭ ލިއަން ޗިއުއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025 ގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ހަރުދަނާ ބިންގަލެއް ގާއިމުކުރެވި، ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޕާޓްނާޝިޕްގެ މަގުސަދަކީ ސިންގަޕޫރުގެ ޕަބްލިކް ސެކްޓަރުގެ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ފަހުމުނާމާގެ ދަށުން، އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުން.
- މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ޤާއިމުކުރުން. އޭގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުން ހިމެނޭ.
- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި، ހިންގުމުގެ ހަރުދަނާކަމާއި، ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރުން.
އެ ފަހުމުނާމާގެ ސަބަބުން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އިއްޔެ ދެ ގައުމުގެ ދެމެދުގައި ވަނީ، މަތީ ތައުލީމާއި ގާބިލްކަން އިތުރުކުރުމާއި ތިމާވެއްޓާ ގުޅުންހުރި ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކޮންމެ ސަރުކާރެއްގައި ވެސް، ދައުލަތް ހިއްސާވާ ކުންފުނިތައް ސިޔާސީ ކަންކަމަށް ބޭނުންކޮށް، ވަޒީފާ އުފައްދައި، ބޭކާރު ޚަރަދުކުރާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެއެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ކޮރަޕްޝަނުގެ ތުހުމަތުތައް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ގިނަ މައްސަލަތަކެއް ހުށަހަޅައިފައިވެއެވެ.
ސިންގަޕޫރަކީ ކޮރަޕްޝަނަށް 'ޒީރޯ ޓޮލެރެންސް' އޮންނަ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮންނަ މިންވަރު ބަލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ލިސްޓުގައި، މިދިޔަ އަހަރު އެ ގައުމު ވަނީ ތިންވަނައަށް އެންމެ ކޮރަޕްޝަން މަދު ގައުމުގެ ގޮތުގައި ހިމަނައިފައެވެ. އެ ގައުމުގައި ކޮރަޕްޝަނުގެ އަމަލެއް ސާބިތުވެއްޖެ ނަމަ 100،000 ޑޮލަރު (1.21 މިލިއަން ރުފިޔާ)އާ ހަމައަށް ޖޫރިމަނާކޮށް ފަސް އަހަރާއި ހަތް އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.