ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ހިއްކަން ފެށި ކ. ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އައު ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، މޭ 30ވަނަ ދުވަހު ޝާއިއުކުރި ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގެ ސަބަބުން، ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާކަމަށެވެ.
ގުޅީފަޅުން ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލްކޮށް، ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" މި ބަދަލުގެ ސަބަބުން އުވައިލައިފައި ވާކަން މި އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ގުޅީފަޅުން ލިބިފައިވާ ގޯތީގެ ލޮކޭޝަން ކަނޑައެޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މީގެ ކުރިން ގުރުއަތުނެގުމެއް ބާއްވައި ވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން މިއަދުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.
ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދެވޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި އަދަދަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔެކިޔުންތައް ދޫކުރަން ހަމަޖެހިފައި ވަނީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ.
އެޕޮއިންޓްމަންޓަށް އެދޭއިރު ހިޔާވެހި ޕޯޓަލަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ ފަރާތުގެ އައިޑީ ކާޑު ކޮޕީ.
- ގޯތިލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ.
- މިނިސްޓްރީއިން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.
ހިޔާވެހި ޕޯޓަލްއިން އެޕޮއިންޓްމަންޓަށް އެދި އިޚްތިޔާރުކޮށްފައިވާ ތާރީހާއި ގަޑިއަށް ރިއާޔަތްކޮށް، ލިޔެކިޔުމާ ހަވާލުވާން ދާންވީ ތަން މިނިސްޓްރީން އަންގާނެއެވެ.
މި ތަކެއްޗާ ހަވާލުވުމަށް، މިނިސްޓްރީން ކަނޑައަޅައިފައިވާ ލިޔެކިޔުން ހަމަކޮށްގެން ދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ.
މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ.