ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް, ދީފައިވާ 750 ޑޮލަރުގެ ކާޑު ލިމިޓްގެ ތެރެއިން ނަގުދު ފައިސާގެ ގޮތުގައި އޭޓީއެމްއިން ނެގޭނީ 125 ޑޮލަރު ކަމަށް އިއްޔެ ނިންމި ނިންމުން މިއަދު ބަދަލުކޮށްފިއެވެ.
ބީއެމްއެލްއިން އިއްޔެ ވަނީ އެ ބޭންކުގެ ޑެބިޓް ކާޑު ލިމިޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްދީފައެވެ.
އެ ލުޔާއެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެތެރެއިން އެއް ފިޔަވަޅަކީ، ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދު މަހަކު 125 ޑޮލަރަށް ލިމިޓުކުރުމެވެ. މިފަދަ ކޮންމެ ޓްރާންސެކްޝަނަކުން ނަގައި 100 ޑޮލަރުގެ ފީ 10 ޑޮލަރަށް ބަދަލު ކުރުމަށް ވެސް ބޭންކުން އިއްޔެ ނިންމިއެވެ.
މި ނިންމުންނާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ނުރުކުން ފާޅުކުރިއެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ބުނީ ގިނަ ދިވެހީން ކުއްޔާއި ޔޫޓިލިޓީ ބިލްތައް ދައްކަމުން އަންނަނީ އެ 750ގެ ލިމިޓުގެ ތެރެއިން ނަގުދު ފައިސާ ނަގައިގެން ކަމަށާއި އެ ލިމިޓް 125 އަށް ކުޑަ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ކޮމިއުނިޓީ ގުރޫޕުތަކުގައި މި ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅު ކުރިއެވެ. މި ނިންމުމާ ގުޅިގެން ކަންބޮޑުވުމާއި ނުރުހުން ބޭންކަށް އަމާޒުވެފައި ވަނިކޮށް ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށް، ނަގުދު ފައިސާގެ ގޮތުގައި 750 ޑޮލަރު ނެގޭނެކަމަށް އިއުލާނު ކޮށްފައެވެ.
ބީއެމްއެލްއިން ކުރި ޕޯސްޓެއްގައި ވަނީ، ލިމިޓް ހަމަޖައްސަން ބީއެމްއެލް ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލްއިން ރަޖިސްޓާކޮށް ރުފިޔާ ޑެބިޓް ކާޑު ސެލެކްޓް ކުރެވޭނެ ކަމަށެވެ.
"މި 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސެކްޝަން ހެދޭނެ އަދި ދިރިއުޅޭ ގައުމުތަކުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ،" އެ ޕޯސްޓުގައި ވެއެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ، ޑޮލަރު ލިމިޓަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަސަރެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން މިހާރެކޭ އެއްގޮތަށް އެ ކާޑު ބޭނުންކޮށްގެން ނަގުދު ފައިސާގެ ގޮތުގައި 1،200 ޑޮލަރު ނެގޭނެއެވެ.
ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން، އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޭރު ގައުމުތަކަށް އެންމެ މީހަކު ގޮސް، 30 ކާޑުން ވެސް ޑޮލަރު ނަގައިފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގޮތަށް ނަގާ ޑޮލަރު ރާއްޖެ ގެނެސް ކަޅު ބާޒާރުގައި ދަނީ ވިއްކަމުންނެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގޮތަށް ނަގާ ޑޮލަރު ރާއްޖެ ގެނެސް ކަޅު ބާޒާރުގައި ދަނީ ވިއްކަމުންނެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑަށް ޑޮލަރު ލިމިޓް ދިނުން ހުއްޓާލުމަށް ނިންމައިފައެވެ. އަދި، ކްރެޑިޓް ކާޑަށް ވެސް މަހަކު 100 ޑޮލަރު އެކަނި ދޭން ނިންމިއެވެ. ބޭންކުން އެ ނިންމުން ނިންމީ އެ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުން އެހެން ގޮތެއް ނެތިގެން ކަމަށް ބުނެއެވެ.
ނަމަވެސް، މި ނިންމުން ވެސް ބޭންކުން ވަނީ ހަމަ އެދުވަހު ބަދަލުކޮށްފައެވެ.