ކަނޑުތައް ހިމާޔަތްކުރަން ބީއެމްއެލްއިން ޕާލޭއާ ގުޅި، ކަނޑުން ހޮވާ ޕްލާސްޓިކުން ކާޑު އުފައްދަނީ

ބީއެމްއެލްއިން ވަނީ ޕާލޭއާއެކު ކަނޑުތައް ހިމާޔަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް, ކަނޑުން ހޮވާ ޕްލާސްޓިކުން ބޭންކް ކާޑުތައް އުފައްދަން ތައްޔާރުވެއްޖެއެވެ.

ބީއެމްއެލްއިން ބުނީ، ޕާލެއާއެކު އެއްބަސްވުމުގައި ސޮއިކުރީ ތިމާވެށި ރައްކާތެރިކުރުމަށް އެ ބޭންކުން ފަށައިފައިވާ އައު ޕްރޮގްރާމް، އީއެންވީ ޕީއޯއެސްގެ ދަށުން ކަމަށެވެ.

ބޭންކުން ބުނީ އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުޢާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިތަކުން އަތުން އެއްވެސް އަދަދެއް ނެގުމެއްނެތި، ބޭންކުގެ އާމްދަނީން ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އީއެންވީ ޕީއޯއެސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން، ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރު ރައްކާތެރިކުރުމުގައި ބައިވެރިވެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބޫނީ ޕާލޭއާއެކު ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، ޕާލޭގެ "އެވޮއިޑް، އިންޓަސެޕްޓް، ރީޑިޒައިން" ސްޓްރެޓެޖީގެ ތެރެއިން، ޕްލާސްޓިކް ކުނި، ޖަރުމަނާއި ޓައިވާނާއި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބޭންކުން އެހީތެރިވެދޭނެ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރައްވައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ކަނޑަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ތަނަކަށްވީއިރު، ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރައްވައިފައެވެ.

ޕާލޭއާއެކު ހެދި އެއްބަސްވުމަކީ ކަނޑުތައް ރައްކާތެރިކުރުމަށާއި، ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި، ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ލިބުނު ފަޚުރުވެރި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަމުގައި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑުމެންގެ އައު ބޭންކް ކާޑުތައް ރާއްޖެއިން ނަގާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކްއިން އުފެއްދުމަށް ވެސް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން،" ޝަރީފް ވިދާޅުވިއެވެ.

މި ކަމާ ގުޅޭގޮތުން ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ، ކަނޑުގެ ވެށްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި، ކަނޑަށް އަޅާ ޕްލާސްޓިކް ނެގުމަށް ޕާލޭއިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާ ކަމަށެވެ.

"މި ކަމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް ޒީރޯ މުސްތަގުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރު ލިބިގެންދާނެ ކަމެއްކަން އަޅުގަނޑަށް ޔަގީން،" އޭނާ ވިދާޅުވިއެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ޚިދުމަތްތަކާއެކު، ބީއެމްއެލްއަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ހިއްސާދާރެކެވެ.

comment ކޮމެންޓް