ބޮލީވުޑް އެކްޓަރު ރާޖްކުމާރު ރާއޯ ގޭންގްސްޓާރެއްގެ ރޯލުން ފެންނަ ފިލްމު "މާލިކް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އަންނަ މަހުގެ 11ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމަކީ ޕުލްކިތު ޑައިރެކްޓްކޮށް ކުމާރު ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ޓިޕްސް އިންޑަސްޓްރީސް އާއި ނަދަން ލައިޓްސް ފިލްމްސްއިން ގެނެސްދޭ މިވަރުގަދަ އެކްޝަން ތުރިލާގެ ބަތަލާ އަކީ ރީތީގެ ރާނީގެ ތާޖު އިންޑިއާއަށް ހޯދައިދިނުމަށްފަހު ފިލްމު އިންޑަސްޓްރީއާ ގުޅުނު ބަތަލާ މަނޫޝީ ޗިލާއެވެ.
މި ފިލްމަކީ މިހާތަނަށް ރާޖްކުމާރު ރާއޯ މުޅިން ތަފާތު ސްޓައިލަކަށް ފެންނަ ފިލްމެއް ކަމަށާއި ބެލުންތެރިން އުއްމީދުކުރާ ވަރަށްވުރެ އެކްޓަރުގެ ފެނިލުން ފިލްމުގައި ވަރުގަދަވާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

"މާލިކް" ޓްރެއިލާގެ މަންޒަރެއްގައި މަނޫޝީ އާއި ރާޖްކުމާރު ރާއޯ -- ފޮޓޯ/ މިޑްޑޭ
ރާޖް ގޭންގްސްޓާރެއްގެ ރޯލުން ބެލުންތެރިންނަށް ފެންނާނެ މި ފިލްމާ ގުޅޭގޮތުން އެކްޓަރު ބުނެފައި ވަނީ ފިލްމެއްގައި ގޭންގްސްޓާރެއްގެ ރޯލަކީ އާއްމުކޮށް ވަރަށް ނެގެޓިވް ވިސްނުމެއް އުފައްދާ ރޯލަކަށް ވާނެކަމަށެވެ.
މީގެކުރިން އެފަދަ ރޯލެއް ކުޅުމުގެ ވިސްނުމެއް ނެތް ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އޭނާ އެ ރޯލަށް އެއްބަސްކުރުވަން ވަގުތު ނެގި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މިހާތަނަށް ރާޖް ކުޅެފައިވާ ފިލްމުތަކުގައި އޭނާ މުޅިން ވެސް ފެނިފައި ވަނީ ވަރަށް ސާދާ މިޒާޖުގެ މީހެއްގެ ގޮތުގައެވެ. ނަމަވެސް ފިލްމު "މާލިކް"އިން ބެލުންތެރިން ރާޖާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ ކަމަށާއި ކުރިން ރާޖް ސްކްރީނުން ފެންނައިރު އެ ހުންނަ މައުސޫމުކަމެއް މި ފިލްމުން ނުފެންނާނެ ކަމަށް ޑައިރެކްޓަރު ޕުލްކިތު ވަނީ ބުނެފައެވެ.
ފިލްމު "އިސްތިރީ"ގެ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މެއި މަހު ރިލީޒްވި ފިލްމު "ބޫލް ޗަކް މާފް"އިންނެވެ. ފިލްމު "މާލިކް"އަށްފަހު ރާޖް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ "ޓޯސްޓާ"ގެ ނަމުގައި އުފައްދާ ފިލްމަކުންނެވެ.