މިހާތަނަށް ގާތްގަނޑަކަށް 60،000 މީހުން ޝަހީދުވެފައިވާ ޣައްޒާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށާއި، އެހެންވެ ހަމާސްއިންވެސް އެގޮތަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ.
ހަމަލާތައް ހުއްޓުމަކަށް ގެންނަން މެދުވެރިންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ގަތަރާއި މިސްރުގެ މަންދޫބުން އެއްބަސްވުމުގެ ފައިނަލް ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ފަސްދޮޅަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ޝަރުތުތަކަށް އެއްބަސްވެފައިވާއިރު، އެ މުއްދަތުގައި ހަނގުރާމަ ނިންމާލުމަށް ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރާނަން." ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ނަމަވެސް އިސްރާއީލުން އެއްބަސްވެފައިވަނީ ކޮން ޝަރުތުތަކަކަށް ކަމެއް ސާފެއް ނޫނެވެ.
ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް މެދުވެރިވެޑައިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައި ނަމަވެސް ހަމާސްއިން އެ އެއްބަސްވުމާ ޚިލާފުވި ކަމަށްބުނެ އިސްރާއީލުން ވަނީ މާޗް މަހު އަނެއްކާވެސް ހަމަލާތައް ދޭން ފަށާފައެވެ.
"އަޅުގަނޑު އުންމީދުކުރަނީ މެދުއިރުމަތީގެ ހާލަތަށްޓަކައި ހަމާސް އިން މި ހުށަހެޅުން ގަބޫލުކުރާނެ ކަމަށް. ދެން މިއަށްވުރެ ރަނގަޅު ހުށަހެޅުމެއް ނުލިބޭނެ. ދެން ވާނީ ގޯސް،" ޓްރަމްޕު ލިޔުއްވާފައިވެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވަންވެސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެ ބައްދަލުވުމުގައި ހަމަލާތަކާގުޅޭ ގޮތުން ވަރަށް ހަރުކަށި ވާނެ ކަމަށާއި އަންނަ ހަފުތާ އެއްބަސްވުމަށް އާދެވިދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ބޭނުންފުޅު ވަނީ ރަހީނުކޮށްފައިތިބި މީހުން ޣައްޒާއިން ނެރެން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކޮންމެ އެއްބަސްވުމެއްގެ ދަށުން ޣައްޒާގައި ބާކީ ތިބި ރަހީނުން މިނިވަން ކުރަން ތައްޔާރަށް އޮތް ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. އިސްރާއީލުން ބުނަނީ ހަނގުރާމަ ނިމޭނީ ހަމާސް ހަތިޔާރު ބެހެއްޓީމަ ކަމަށެވެ.
ހަނގުރާމަ މެދުކަނޑާލުމަށް ޓްރަމްޕް އެދިވަޑައިގެންފައިވާއިރު، އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.
އެގޮތުން ޣައްޒާގެ ކަނޑުގެ އައްސޭރީގައި ހުންނަ އަލް ބަގާ ކެފޭއަށް ހޯމަ ދުވަހު އިސްރާއީލުން ދިން ބިރުވެރި ހަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 36 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.