އިސްރާއީލާއެކު ކުންފުނިތަކުން ވިޔަފާރި ކުރުން ހުއްޓާލުމަށް އދ ން ގޮވާލައިފި

އދ ގެ މާހިރު، ފްރާންސެސްކާ އަލްބަނީޒް. ފޮޓޯ/އޭޕީ

ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ކަމަށް އިންޒާރުދީ، އިސްރާއީލާ އެކު ވިޔަފާރި ކުރުން ހުއްޓާލުމަށް އދ ގެ މާހިރު، ފްރާންސެސްކާ އަލްބަނީޒް ކުންފުނިތަކަށް ގޮވައިލައިފިއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރިޕޯޓު ހުށަހަޅުއްވައި، ވާހަކަފުޅު ދައްކަވަމުން އަލްބަނީޒް ވަނީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެއްވެސް ކޮންޓްރޯލެއް ނުވަތަ ޖަވާބުދާރީވުމެއް ނެތި އާ ހަތިޔާރާއި ޓެކްނޮލޮޖީތައް އިމްތިހާނުކުރަން ދޭ ހަމަލާތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އިސްރާއީލުން ވަނީ އަލްބަނީޒްގެ ރިޕޯޓަކީ "އަސާސެއް ނެތް" ރިޕޯޓެއް ކަމަށް ބުނެ ރިޕޯޓު ދޮގުކޮށްފައެވެ.

އިސްރާއީލާއެކު ވިޔަފާރި ކުރުން ހުއްޓާލުމަށް އަލްބަނީޒް ގޮވައިލެއްވީ، ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި އާންމުން ގެދޮރުން ނެރެ އަދި ފަލަސްތީނުގެ ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ގަތުލްއާންމަށް އެހީތެރިކަންދޭ ބޮޑެތި ކުންފުނިތަކުގެ ލިސްޓެއް އެ ރިޕޯޓުގައި ހުށަހަޅުއްވާފައެވެ.

އޭގެތެރޭގައި، ހަތިޔާރު ވިއްކާ ކުންފުނި ލޮކްހީޑް މާޓިން އާއި ފަލަސްތީނުގެ މީހުން ޓްރެކްކޮށް އިސްރާއީލަށް ޓެކްނޮލޮޖީ ފޯރުކޮށްދިން ޓެކް ކުންފުނިތައް ކަމަށްވާ އަލްފާބެޓް، އައިބީއެމް، މައިކްރޮސޮފްޓް އަދި އެމެޒޯން ހިމެނެއެވެ.

އަދި ގެދޮރު ސުންނާފަތިކޮށް، ހަމަލާތައް ދިނުމަށް ބޭނުންކުރާ އުޅަނދުތައް ފޯރުކޮށްދީފައިވާ ކަމަށް ކެޓަޕިލާ، ހިޔުންދާއީ، އަދި ވޮލްވޯ ވެސް ލިސްޓުގައި ހިމަނާފައިވެއެވެ.

އދ.ގެ ތަޖުރިބާކާރުންނަކީ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި އދ އަށް ލަފާ ދިނުމަށް ކަނޑައަޅާފައި ތިބޭ މިނިވަން ބައެކެވެ.

އަލްބަނީސް އަކީ އިޓަލީގެ ބައިނަލްއަގްވާމީ ވަކީލެކެވެ. އޭނާ މަޝްހޫރުވެފައިވަނީ އޭނާގެ ވާހަކަ ދެއްކުންތެރިކަމުގެ މޮޅުކަމުންނެވެ.

މީގެ ކުރިން ނެރުނު ރިޕޯޓްތަކުގައި އޭނާ ވަނީ އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލަމުންދާ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ އެކަމަނާ ވަނީ އެ ވާހަކަ ތަކުރާރުކޮށް, އިސްރާއީލުން ހިންގަނީ "މިޒަމާނުގެ ތާރީހުގައި ހިނގި އެންމެ އަނިޔާވެރި އެއް ނަސްލު ނައްތާލުން" ކަމަށް ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް