އިންވެސްޓުކޮށްގެން ރާއްޖޭގެ ރައްޔިތުކަން ލިބޭ ފުރަތަމަ ޕްރޮގްރާމް ތައާރަފްކޮށްފި

އިންވެސްޓްމަންޓް މައިގްރޭޝަން ކުންފުންޏެއް ކަމުގައިވާ ހެންލީ އެންޑް ޕާޓްނާސްއާއެކު، ދިވެހިރާއްޖޭގެ ފުރަތަމަ "ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމް" ތަޢާރަފުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމް ހިންގަން ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި އިއްޔެ އޮތް ރާއްޖޭގެ އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިންނެވެ.

ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ، އެ ގައުމަކަށް ވަކި އަދަދެއްގެ ފައިސާ އިންވެސްޓުކުރާ އިންވެސްޓަރުންނަށް ނުވަތަ ވިޔަފާރިވެރިންނަށް އެ ގައުމެއްގެ ވަގުތީ ނުވަތަ ދާއިމީ ރަށްވެހިކަން ލިބޭ ޕްރޮގްރާމެކެވެ.

މި ފަދަ ޕްރޮގްރާމްތަކަކީ، އަގުބޮޑު، މުއްސަނދިން ނުވަތަ ވިޔަފާރިވެރިންގެ ސަމާލުކަން ހޯދައި، އެ މީހުންނަށް ރަށްވެހިކަން ދިނުމުގެ ބަދަލުގައި، ގައުމަށް އިންވެސްޓުކުރުވުމަށް ބާރު އަޅާ ޕްރޮގްރާމްތަކެވެ.

މި ފަދަ ޕްރޮގްރާމެއްގެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، އިންވެސްޓަރުން ކުރާ އިތުބާރު ބޮޑުވެ، ބައިނަލްއަގްވާމާ މައިދާނުގައި ރާއްޖޭގެ އަގު އުފުލޭނެ ކަމަށެވެ. އަދި 2040ވަނަ އަހަރަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން އިގްތިޞާދު ސިންދަފާތުކުރުމުގެ މުޅިން އާ މަގުތައް ހުޅުވޭނެ ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވީ ހެންލީ އެންޑް ޕާޓްނާސްގެ ތަޖުރިބާއާއި، ޓްރެކް ރެކޯޑުގެ ސަބަބުން ރާއްޖެއަށް އިތުބާރު ހިފޭ އިންވެސްޓަރުން ލިބެން ފަހިވާނެ ކަމަށެވެ. އަދި ރާއްޖެއަކީ އިތުބާރު ހިފޭ އިގްތިޞާދެއްގެ ގޮތުގައި ދުނިޔެ ބަލައިގަންނާނެ ކަމަށެވެ.

ހެންލީ އެންޑް ޕާޓްނާސްއަކީ 1997ވަނަ އަހަރު އުފެއްދި، ލަންޑަންގައި މައި އޮފީސް ހުންނަ، އިންވެސްޓްމަންޓް މެދުވެރިކޮށް ރަށްވެހިކަމާއި ރައްޔިތުން ހޯދައިދިނުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

އިންވެސްޓްމަންޓް މައިގްރޭޝަންގެ ޚިޔާލު ތަޢާރަފުކޮށް، މި ކުންފުނިން އަންނަނީ، މުއްސަނދިންނާއި އެ މީހުންގެ ޢާއިލާތަކާއި، އެ މީހުންގެ އެޑްވައިޒަރުންނަށް ގިނަ ޤައުމުތަކެއްގައި ރެސިޑެންސީ ނުވަތަ ރައްޔިތުކަން ހޯދުމަށް އެހީތެރިވެދެމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ކުންފުނީގެ 60 އޮފީސް ހުރެއެވެ.

މި ކުންފުނީގެ، ސަރުކާރުތަކަށް ލަފާދޭ ޚިދުމަތުގެ ތެރެއިން 15 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ސީދާ ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި ހޯދައިދީފައިވެއެވެ. މީގެ ތެރޭގައި މޯލްޓާ، ސެއިންޓް ކިޓްސް އެންޑް ނެވިސް، ނަމީބިއާ ފަދަ ޤައުމުތަކުގައި ހިންގާ ދުނިޔޭގެ އެންމެ ކާމިޔާބު އިންވެސްޓްމަންޓް މައިގްރޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުން ހިމެނެއެވެ.

މި ކުންފުނީގެ ޚިދުމަތްތަކުގެ ތެރޭގައި ސަރުކާރުތަކަށް ދޭ އިސްތިރާތީޖީ ލަފާ އަދި އަމިއްލަ ކަސްޓަމަރުންނަށް ދޭ ޚާއްޞަ ލަފާ ހިމެނެއެވެ. މިގޮތުން ދަތުރުފަތުރުގެ މިނިވަންކަމާއި، އިޤްތިޞާދީ މިނިވަންކަމާއި، އަދި ދިރިއުޅުމުގެ ގޮތްތައް ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ރެސިޑެންސީ އަދި ރައްޔިތުކަމުގެ އޮޕްޝަންތަކަށް އިސްކަންދެއެވެ.

މީގެ އިތުރުން ހެންލީ ޕާސްޕޯޓް އިންޑެކްސް އަދި ގްލޯބަލް ސިޓިޒަންޝިޕް ޕްރޮގްރާމް އިންޑެކްސް ފަދަ މުހިންމު ރިޕޯޓުތައް ޝާއިޢުކުރެއެވެ.

މި ކުންފުނީގެ ވިޔަފާރި މޮޑެލްއާ މެދު ފާޑުކިޔުންތައް ވެސް އަމާޒުވެއެވެ. އެގޮތުން މި ކުންފުނިން ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ކަމަށް ނުވަތަ ޤައުމުތަކުގެ މިނިވަންކަމަށް އުނިކަން ލިބޭ ކަންކަމަށް ފަހިކޮށްދޭކަމަށް ތުހުމަތުކުރެއެވެ.

comment ކޮމެންޓް