ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދާ އަވައްޓެރި އިންޑިއާއަށް ބޭސްކުރަން ދިޔަ، ދިވެއްސެއްގެ ޑޮލަރުތަކެއް ވަގަށް ނެގި، ނޭޕާލަށް ނިސްބަތްވާ ފިރިހެން މެއިޑަކު އިންޑިއާއިން ހައްޔަރުކޮށްފިއެެވެ.
މި ކަން ދިމާވީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ކުރީގެ ޔޫތު މިނިސްޓަރުގެ އަނބިކަނބަލުން ނަޒްރާ ނަސީމަށެވެ. މި ހާދިސާ ހިނގި ގޮތް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އޭނާ ބުނީ، މިދިޔަ މަހު އޭނާ އިންޑިއާއަށް ދިޔައީ އޭނާގެ ބައްޕަގެ މުހިއްމު އޮޮޕަރޭޝަނެއް ކުރުމަށް ކަމަށެވެ.
އޭގެ ކުރިން، އޮޕަރޭޝަން ނުކުރެވި ދިގުލައިގެން ދާތީ، ބައްޕަގެ ކަންކަމުގައި އެހީތެރިވެ އުޅުމަށް އަންޖަން ކިޔާ ނޭޕާލު މީހެއް ރާއްޖެ ގެނެސް، އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ އިންޑިއާއަށް ދަތުރު ކުރީ ވެސް އެ މެއިޑު ގޮވައިގެން ކަމަށް ނަޒްރާ ލިޔެފައިވެއެވެ.
"ކޮންމެ ރެއަކު ވެސް ޑިއުޓީގައި އަޅުގަނޑާއި ދައްތަ، އަންޖު ތިބެމެވެ. އަދި އަންޖަން ފެންވަރާ ރީތިވުމަށް އެޕާޓްމަންޓަށް ފޮނުވަމެވެ. ކަން ދިމާކުރި ގޮތުން އެ ދުވަހު ދިޔަ ގޮތަށް އޭނާގެ ޚަބަރެއް ނުވިއެވެ،" އޭނާ ލިޔެފައިވެއެވެ.
ނަޒްރާ ބުނީ ސީސީޓީވީ ފުޓޭޖު ބެލުމުން ފެނުނީ އޭނާ ފިލައިގެން ދާ ތަން ކަމަށެވެ. އަދި ފަހުން އަތްދަބަސް ބެލުމުން އެނގުނީ، އޭނާ ފިލީ، ބޭސްފަރުވާއަށް ގެންދިޔަ ފައިސާއިން ގިނަ އަދަދެއް ހިފައިގެން ކަން ކަމަށެވެ.
މި ހާދިސާގެ މައްސަލަ އޭނާ އިންޑިއާގެ ފުލުހަށް ހުށަހެޅިއެވެ.
އެއާއެކު އިންޑިއާގެ ނޫހެއްކަމަށްވާ، ޓައިމްސް އޮފް އިންޑިއާއިން މިއަދު ވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 23 އަަހަރުގެ އެ މެއިޑު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
އެ ނޫހުގައިވާ ގޮތުން އޭނާއަށް ތުހުމަތުކުރަނީ، 1،500 ޑޮލަރު ވަގަށް ނެގިކަމުގެ ތުުހުމަތެވެ. މޯބައިލް ފޯން ޓްރެކްކޮށްގެން އޭނާ ހޯދީ, މަހަރްޝްތްރާ ސްޓޭޓްގެ ސިޓީއެއްކަމަށްވާ ތޭން އިންނެވެ. ނަމަވެސް ފަހުން އޭނާގެ ފޯނު ނިއްވައިލައިފައި އޮތުމުން އޭނާ ފަހުން ހުރިތަން ހޯދައި ހައްޔަރުކުރެވޭ ގޮތެއް ނުވިއެވެ.
އެހެންވެ އޭނާ ހޯދަން، ދެ ދުވަހު ކުރި މަސައްކަތުން އޭނާ ހޯދީ، ތޭންގެ ރިސޯޓެއްގައި ކައްކާއެއްގެ ވަޒީފާގައި ހުއްޓައެވެ.
ތަހުގީގުގެ ތެރެއިން، މެއިޑު ވަނީ، ވަގަށް ނެގި ފައިސާގެ ބައެއް ނޭޕާލަށް ފޮނުވި ކަމަށާއި، ބާކީ އަމިއްލަ ބޭނުމަށް ޚަރަދުކުރި ކަމަށް އެއްބަސް ވެސް ވެފައެވެ.
އެއާއެކު، ޓައިމްސް އޮފް އިންޑިއާގެ މި ޚަބަރު ހިއްސާކޮށް، ނަޒްރާ ވަނީ މި މައްސަަލަ ބެލުމުގައި އިންޑިއާގެ ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދައިކޮށްފައެވެ.
"މިކަން އިންޑިއާގެ ފުލުހަށް ހުށަހެޅުމާއެކު ވަރަށް ގާތުން އޭހާމެ އަވަހަށް ބައްލަވާދެއްވީތީ އިންޑިއާގެ ސަރުކާރަށް އަދި އެހީތެރިވި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ،"
ގިނަ އަދަދެއްގެ ދިވެހި ގޭގޭގައި ބޭރު މަސައްކަތު މީހުން ގެންގުޅެއެވެ. އިންޑިއާ، ލަންކާ، ނޭޕާލް ފަދަ ކައިރި ގައުމުތަކުން ގެންނަ މި މެއިޑުން ދިވެހި ގޭގައި، ކެއްކުމާއި، ދަރިން ބެލުމާއި، ބަލި އެނދުގައި ތިބޭ އުމުރުން ދޮށީ މައިންބަފައިން ބެލުން ފަދަ މަސައްކަތްތައް ކުރެއެވެ.
މީގެ ކުރިން، ރާއްޖޭގައި ވެސް މެއިޑުންގެ ފަރާތުން ވައްކަން ކުރުމާއި، އަނިޔާލިބުން ފަދަ މައްސަލަތައް ފެންމަތިވެފައި ވެސް އެބަހުއްޓެވެ.