ބަލިމީހުންނަށް ކާންދިނުމަށް އައިޖީއެމްއެޗުގައި ބަދިގެއެއް ހަދަން ބޭނުންވެފައި

އައިޖީއެމްއެޗް ކުރިމަތި: ބަލިމީހުންނަށް ކާންދިނުމަށް އައިޖީއެމްއެޗުގައި ބަދިގެއެއް ހަދަން ވިސްނަނީ -- ފޮޓޯ/ މާނިއު މުހައްމަދު

އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ކާންދިނުމަށް އައިޖީއެމްއެޗްގައި، ހޮސްޕިޓަލް ކިޗެންއެއް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިއީ ކުރަން ވަރަށް ބޭނުންވާ ކަމެއް ނަމަވެސް، މިކަން ވާނީ ޖާގައިގެ ދަތިކަން ހައްލުވުމުން ކަމަށެވެ. އެގޮތުން، އައިޖީއެމްއެޗް ސަރަހައްދުގައި އިތުރަށް ގާއިމްކުރަން ނިންމާފައިވާ ހޮސްޕިޓަލް އިމާރާތުގައި މިފަދަ ބަދިގެއެއް ގާއިމް ކުރުމުގެ ޕްލޭން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަބަބަކީ ބަލިމީހާ އެޑްމިޓްކޮށްގެން ކްރިޓިކަލް ހާލަތުގައި ތިބޭ ބޭފުޅުންނަށް އެ ގެންނަ ކާއެއްޗިއްސަކީ ވެސް ރައްކާތެރި ކާއެއްޗެހި ކަމުގައި ވާންއެބަ ޖެހޭ ކޮންމެކޮންމެ ތާކުން އެއްޗެހި ގެނައުމުގެ ބަދަލުގައި. އެހެންވީމައި އެއީ އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް ކަމެއް." ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް

އައިޖީއެމްއެޗްގެސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް-- ފޮޓޯ: އައިޖީއެމްއެޗް

މި ބަދަލުގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގެ ބޭރުގައި މަޑުކުރާ އެހީތެރިން ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދައިން ތިބޭ އެހީތެރިން މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅެއްގެ ގޮތުން، އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ހޮސްޕިޓަލުން ބޭސް ފޯރުކޮށްދޭން މީގެ ދެތިން މަހެއް ކުރިން ފަށާފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހޮސްޕިޓަލުގެ އިންޕޭޝަންޓުންނަށް ބޭނުންވާ ބޭސް ހޮސްޕިޓަލުން ފޯރުކޮށްދޭން [ފަށައިފިން]. އެގޮތުން އައިސީޔޫއާ ވޯޑްތަކާ ރޫމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ބޭނުންވާ ބޭސް، ހޮސްޕިޓަލުން ހަމަ ބޭސްތައް ނަގައިފައި ގެނެސްދޭ އުސޫލެއް މިހާރު ވަނީ ހަމަޖެހިފައި،" ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް

މި ޚިދުމަތުގެ ސަބަބުން ހޮސްޕިޓަލުގައި އެދުމަތިކޮށްފައި ތިބޭ ބަލިމީހުންނަށް އެހީތެރިން ބޭސްނަގައިދޭން ނުޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އައިސީޔޫގެ ބޭރުގައި އެހީތެރިން އަބަދު މަޑުކުރުމަކީ ހޮސްޕިޓަލުން ވެސް އެހާ ތާއީދުކުރާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް