ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް ކުރިއާލައި އެނގި، އަތޮޅު ތެރެއިން މާލެ އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރާކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޭފުޅުންނާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ބޭފުޅުން މިއަދު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މި ކޮމިޓީގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ޑޮކްޓަރަށް ދައްކަން އެޕޮއިންޓަމަންޓް ހެއްދުމަށް، އެޕޮއިންޓްމަންޓް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. މި ނިޒާމުގެ ތެރެއިން އެޕޮއިންޓަމަންޓް ހެއްދުމުން ދިގު ކިއުގައި ޖެހުނު ނަމަވެސް، ޑޮކްޓަރަށް ދެއްކޭނެ ދުވަސް އެނގޭނެއެވެ.
"މިހާރު ވެއްޖެއްޔާ މި އިންނަނީ ކިއު ނަމްބަރެއް އޭނާއަށް ޑޮކްޓަރަށް ދެއްކޭނީ ކޮން ދުވަހަކުން ކަމެއް އެނގޭކަށް ނޫން ގިނަ ޑިޕާޓްމަންޓްތަކުގައި ހުންނާނީ. އެހެންނަމަވެސް މިހާރު ހަތަރު ޑިޕާޓްމަންޓެއް އެޕޮއިންޓަމަންޓް ސިސްޓަމަށް އެއީ އެޕޮއިންޓަމަންޓް ލިބޭނެ ދުވަހާ ގަޑިއާ އެނގޭގޮތަށް ދުރާލާ ތަރުތީބުވެގެން ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ފަސޭހަވާނެ ގޮތަށް ތަރުތީބަކަށް އެބަ އަޅުވަން،" އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
މަސައްކަތް ކުރަނީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހުރިހާ ޑިޕާޓްމަންޓެއް ވެސް މި ނިޒާމަށް މި އަހަރުގެ ނިޔަލަށް ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަތޮޅުތަކުން ޑޮކްޓަރަށް ދައްކަން މާލެ އަންނަ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަންކަން ބައްޓަންކުރަން މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ވެސް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ދެއްކުމުން، އިތުރު ފަރުވާއަށް މާލޭން ދައްކަން ބޭނުންވާ ސްޕެޝަލިސްޓަށް ރެފާކުރެވޭ ނިޒާމެއް ގާއިމްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗް ކުރިމަތި: ޑޮކްޓަރަށްދައްކަން އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް ކުރިއާލާ އެނގޭނެ ނިޒާމެއް ގާއިމްކުރަނީ -- ފޮޓޯ/ މާނިއު މުހައްމަދު
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ބުނީ، އަތޮޅު ތެރޭގައި އައުޓް ރީޗް ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާކަމަށެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ރަށްރަށުގައި ތިބި ސިއްހީ ޚިދުމަތް ބޭނުންވާ މީހުންނަށް މާލެ އައުމުގެ ބަދަލުގައި ރަށުގައި ހުރެގެން ޚިދުމަތް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
މިފަދަ އައުޓްރީޗް ޕްރޮގްރާމްތަކުގައި ބައިވެރިވަނީ މަލްޓި ސްޕެޝިއަލިޓީ ޓިމެކެވެ.
އައިޖީއެމްއެޗްގެ ކިއު ބޮޑުވެ ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސް ވުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. ދިގު ކިއުތަކުގައި، އެޕޮއިންޓްމަންޓް ނުލިބި، ބައެއް ހާލަތުގައި ސިއްހީ ހާލަތު ގޯސްވެ ނުރައްކާތެރި ކަންކަން ވެސް ދިމާވާން މެދުވެރިވެފައި އެބަހުއްޓެވެ. އަދި އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް ނޭނގުމުން ސިއްހީ ޚިދުމަތް ހޯދަން ރަށްރަށުން މާލެ އަންނަ މީހުންނަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވެއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކަކީ މި މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.