އެފްއޭއެމަށް ގުދަނު ކުއްޔަށް ތިންލައްކަ ރުފިޔާ، ކުއްޔަށް ދިނީ ކޮންބަޔަކަށް ކަމެއް ނޭނގެ

ކަޅުތުއްކަލާ ކޮށި ކައިރީގައި ހަދަން ފަށާފައިވާ އެފްއޭއެމްގެ އައު އިމާރާތުގައި ގުދަންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދު-- ސަން ފޮޓޯ/ މާނިއު މުހައްމަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު އިމާރާތެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ފަށާފައިވާ ތަނުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ގުދަން ބަރިތަކުން އާމްދަނީގެ ގޮތުގައި ތިންލައްކަ ރުފިޔާ ލިބޭ ކަމަށާއި ނަމަވެސް އެތަންތަން ކުއްޔަށްދިނީ ކޮން ބަޔަކަށްކަން ނޭނގޭކަމަށް އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.

މި އައު އިމާރާތަކީ ފީފާ ފޯވާޑް ޕްރޮޖެކްޓްގެ ތެރެއިން 2020 ވަނަ އަހަރުގެ މާރިޗް މަހު ހަދަން ފަށާފައިވާ އިމާރާތެކެވެ.

ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ ހަވާލުކޮށްގެން ފެށި މި މަސައްކަތުގެ ތެރޭގައި ވިހި ބުރިޔަށް އެފްއޭއެމްގެ އިމާރާތް ހެދުމާއި ހަތަރު ބުރީގެ ފުޓްސެލް ދަނޑެއް އެޅުމަށް އެއްބަސްވިއެވެ. ނަމަވެސް އެފްއޭއެމުން އެ ކުންފުންޏަށް ފައިސާ ނުދޭތީ އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

މަސައްކަތް ހުއްޓާލިތާ އެތަކެއް އަހަރު ވެފައިވާއިރު މި މަސައްކަތާ ގުޅޭގޮތުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. ވަކިން ޚާއްސަކޮށް ގުދަންބަރިތަކާ ގުޅޭ ގިނަ ކަންކަން ފާހަގަކުރިއެވެ.

ސްކައިވިން ގްލޯބަލް އާއެކު 2020 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރައީސް ބައްސާމް އަދި ޖީއެސް ޖަވާޒް-- ފޮޓޯ: އެފްއޭއެމް

ނޯމަލައިޒިން ކޮމިޓީން ފާހަގަކުރާ ގޮތުން މި ގުދަންބަރިތަކުގެ ތެރެއިން ބައެއް ގުދަންތަކުން އެފްއޭއެމަށް މަހަކު ތިން ލައްކަ ރުފިޔާ ލިބެއެވެ.

އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަހުމަދު މުއިއްޒު ވިދާޅުވީ އިމާރާތުގެ މަތީ ބުރިތައް ވެސް މިހާރު ގުދަނުގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާއިރު އެއްވެސް އެގްރީމަންޓެއް ފެންނަން ނެތް ކަމަށެވެ. އަދި ކުރެވުނު މަސައްކަތުން އެތަންތަން ކުއްޔަށް ދީފައިވާކަން އެނގެނީ އެކި ފަރާތްތަކުން އެކިއެކި އިދާރާތަކަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން ކަމަށެވެ.

ކަޅުތުއްކަލާ ކޮށި ކައިރީގައި ހަދަން ފަށާފައިވާ އެފްއޭއެމްގެ އައު އިމާރާތުގައި ގުދަންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދު-- ސަން ފޮޓޯ/ މާނިއު މުހައްމަދު

"މިހާތަނަށް ހޯދި ހޯދުންތަކުން އެ ތަންތަން ދީފައިވަނީ ކޮން ބަޔަކަށް ކަމެއް ނޭނގެ. ކުއްޔަށް ދީފައިވާ ކަމެއް ވެސް ޔަގީނެއް ނޫން. އެކަމަކު ކުލީގެ ގޮތުގައި ލިބޭ ތިން ލައްކަ ރުފިޔާ،" މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ އެ އިމާރާތް އަޅާފައިވާ ބިމުގެ އެހެން ބައިތަކުގައި ވެސް ތަފާތު ގްރޫޕްތަކުން އެކިއެކި މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަންކަމުގެ ތަފުސީލެއް ހޯދިފައިނުވާ ކަމަށެވެ.

ހުސްވި އަހަރުގެ ޖޫން މަހު ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރީ ކޮރަޕްޝަނާއި އިދާރީ ހިންގުން ގޯސްވެ، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކުރުމަށް ފަހުއެވެ.

ނަމަވެސް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައްސާމް ވަނީ މި ޕްރޮޖެކްޓުގައި އެއްވެސް ގޯހެއް ހިނގާފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

comment ކޮމެންޓް