ތިން އަހަރުތެރޭ ޗެލްސީއަށް ސޮއިކުރި 18ވަނަ ފޯވާޑަކަށް ޕެޑްރޯ

ޖާއޮ ޕެޑްރޯ --

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީއަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭ ސޮއިކުރި 18ވަނަ ފޯވާޑެއްގެ ގޮތުގައި ޖާއޮ ޕެޑްރޯ އެޓީމާ ގުޅިއްޖެއެވެ.

ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަން އަށް ކުޅެމުންދިޔަ ޕެޑްރޯ ޗެލްސީއަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއާއެކު ޗެލްސީން 18 ފޯވަޑުންނަށް ޚަރަދު ކުރިވަރު ވެސް މިވަނީ 560 މިލިއަން ޕައުންޑަށް އަރާފައެވެ.

އުމުރުން 23 އަހަރުގެ ޕެޑްރޯ ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ކުރިން އެޓީމަށް ސޮއި ކޮށްފައިވުމާއެކު ފީފާ ކްލަބް ވޯލްޑް ކަޕްގައި މިހާރު ވާދަކުރާ ޗެލްސީގެ ޓީމަށް ކުޅުމަށް ޕެޑްރޯ ޝަރުތު ހަމަވެއެވެ. ފީފާއިން އޮތީ ތިންވަނަ ދުވަހުގެ ނިޔަލަށް ސޮއި ކުރާ ކުޅުންތެރިންނަށް މިމުބާރާތުގައި ކުޅެވޭގޮތަށް ހަމަޖައްސާފައެވެ.

ޗެލްސީ މިމުބާރާތުގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ މިއަންނަ ހޮނިހިރު ދުވަހު ޕަލްމެއިރާސް އާއެވެ. އެއީ މިމުބާރާތުގެ ކްއާޓާ ފައިނަލްގެ މެޗެކެވެ. މައުލޫމާތުލިބޭ ގޮތުގައި ޕެޑްރޯ ވަނީ ޗެލްސީ އާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިގޮތުން މިއެއްބަސްވުމުގެ މުއްދަތު އަށް އަހަރަށް ދެމިގެންދާނެކަމަށް ވެއެވެ.

2023ވަނަ އަހަރު އޭރު ބްރައިޓަންގެ ރެކޯޑް ފީއެއް ކަމަށްވާ 30 މިލިއަން ޕައުންޑަށް ވޮޓްފަޑްއިން ބްރައިޓަންއަށް ބަދަލުވި ޕެޑްރޯ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 70 މެޗުގައި 30 ލަނޑު ޖަހައިދީފައެވެ. ބްރެޒިލްގެ ފުލުމިނެންސޭގެ ޒުވާން ޓީމުން ވިދާލި ޕެޑްރޯ ޗެލްސީއަށް ސޮއިކުރުމަށްފަހު ބުނީ ޗެލްސީއަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު އަދި ކާމިޔާބު ތާރީހެއް އޮތް ކްލަބެއްކަން އެނގޭކަމަށެވެ.

މިޓީމާ ގުޅުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. ބްރައިޓަންގެ ކޯޗު ފަބިއަން ހާޒެލާ ފާހަގަ ކުރިގޮތުގައި މިވިޔަފާރިއަކީ ދެފަރާތަށް ވެސް ފައިދާ ހުރި ވިޔަފާރިއެކެވެ. ހާޒެލާ ބުނީ މިވިޔަފާރީގެ ސަބަބުން ކްލަބަށް ފައިދާ ކުރިއިރު ޗެލްސީއަށް މިއީ އެޓީމުން ކުރި ރަނގަޅު އިންވެސްޓްމަންޓެއްކަމަށެވެ. ބްރައިޓަންއަށް ބަލާއިރު ފޯވަޑް ލައިންގައި ވާދަވެރި ކުޅުންތެރިންތަކެއް މިހާރު ވެސް އެބަތިބިކަން ހާޒެލާ ފާހަގަ ކުރިއެވެ.

ޗެލްސީގެ ވިޔަފާރި އަދި މިހާހިސާބުން ނިންމާލެކަމަކަށް ނުބެލެވެވެ. އެއި ފީފާ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުންދާ ކުރިއަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާ ޖެމީ ގިޓެންސް ގަތުމަށް އެޓީމުން ހުށަހެޅި 55 މިލިއަން ޕައުންޑްގެ އަގު ޑޯޓްމުންޑުންވަނީ ބަލައިގަނެ އެވިޔަފާރި ކްލަބް ވޯލްޑް ކަޕަށްފަހު ކުރިއަށްދާނެކަން ހާމަވެފައެވެ.

ޗެލްސީއިން ގިޓެންސް އެޓީމަށް ގެންދިއުމުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ގެންދިޔަ ފޯވަޑް ކުޅުންތެރިންގެ އަދަދު ތިނަކަށް އަރާނެއެވެ. އެއީ ލިއަމް ޑެލަޕް މިހާރު ވެސް އެޓީމާއި ގުޅިފައިވުމުންނެވެ. ޗެލްސީގައި މިހާރު ތިބި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ކޯލް ޕާމާ، ނިކޮލަސް ޖެކްސަން، ޕެޑްރޯ ނެޓޯ، ނޯނީ މަޑުއެކީ، ކްރިސްޓޮފާ އެންކޫކޫ، މާކް ގޫ އަދި ޓައިރީގް ޖޯޖު ހިމެނެއެވެ.

comment ކޮމެންޓް