ސިންގަޕޫރު ދަތުރާއެކު، ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަމްނުގަރަތުނަމްގެ ދެކަނބަލުން -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް މިދިޔަ އާދިއްތަ ދުވަހެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ތިން ފަހުމުނާމާއެއްގައި ސޮއިކުރެވުނީތީ އުފާ ކުރައްވާ ކަމަށެވެ.

އެ ފަހުމުނާމާތަކުގެ ތެރޭގައި، ގާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާއި، މަތީ ތައުލީމާއި، ތައުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާއި ދެމެހެއްޓިނި ތަރައްގީއާއި ތިމާވެށީގެ ދާއިރާއިން ވެފައިވާ އެއްބަސްވުންތައް ހިމެނެއެވެ.

ރައީސް ވިދާޅުވީ އެ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ގެންދިޔަ މޯލްޑިވްސް ސިންގަޕޫރު ބިޒްނަސް ފޯރަމުގައި ވެސް، އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާއިން މުހިންމު ފުރުސަތުތަކަކަށް އަލިއަޅުވައިލެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ 50 އަހަރުވީ ޚާރިޖީ ގުޅުން ފާހަގަކުރާއިރު، މިއީ ރާއްޖެއާއި ސިންގަޕޫރުގެ ގުޅުންތަކުގެ އައު ބާބެއް ފެށުނު ޒިޔާރަތެއްކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމަވައިލައްވާނީ މިއަދެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސްގެ ދެކަނބަލުންވަނީ، ރައީސް މުއިއްޒުގެ ދެކަނބަލުންގެ ޝަރަފުގައި ޖާފަތެއް ދެއްވައިފައެވެ. ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަތުނަމްއާއި ރައީސް މުއިއްޒު ވަނީ ހަނދާނީ ސްޓޭމްޕެއް ވެސް ނެރެދެއްވައިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާ ވެސް ބައްދަލު ކުރައްވައިފައެވެ.

އެ ގައުމުގެ ރައީސް، ޝަންމުގަރަތުނަމްއާއި ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި ރައްޔިތުން އަދާކުރި މެހެމާންދާރީ ފާހަގަ ކުރައްވައި، ރައީސްވަނީ ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް