ދަރަނި އިންތިހާއަށް އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުން ދައްކާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން، 36،000 ރުފިޔާގެ މުސާރައަށް ޑިރެކްޓަރެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އެމްއެމްޕީއާރުސީން ގެޒެޓުކުރި އިއުލާނުގައިވަނީ އެ ކުންފުންޏަށް ޑިރެކްޓަރެއް ހޯދަނީ ޑެސްޓިނޭޝަން މާކެޓިން ޑިޕާޓްމެންޓަށް ކަމަށެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި:
- މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން ދެ އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާލިބިފައިވުން
- ނުވަތަ، ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަދުވެގެން ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
- ނުވަތަ، ޑިޕްލޮމާގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 10 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، އެގޭ ތެރެއިން ފަސް އަހަރުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން
އެ މަގާމުގެ މުސާރައަކީ 33,000 ރުފިޔާއާއި 36،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އެގޮތުން އަސާސީ މުސާރައަކީ 19,602 ރުފިޔާ ކަމަށްވާއިރު، ސާވިސް އެލަވަންސަށް 6,861 ރުފިޔާ އަދި ލިވިން އެލަވަންސަށް 5,881 ރުފިޔާ ލިބޭނެއެވެ.
އެ މީހަކު ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް:
- މާސްޓާސް ޑިގްރީ ނުވަތަ އެއަށްވުރެން މަތިންނަމަ: 1,750 ރުފިޔާ
- ބެޗްލާސް ޑިގްރީ ސަނަދަކަށްނަމަ: 1,250 ރުފިޔާ
- ސަނަދުގެ އޮނިގަނޑު ލެވެލް 6އިން ދަށުގެ ސަނަދަކަށްނަމަ: 750 ރުފިޔާ
އެ އިނާޔަތްތަކާއެކު، އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ދޭނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޑެސްޓިނޭޝަން މާކެޓިންގެ އަހަރީ ޕްލޭން ތައްޔާރުކޮށް ބޯޑު އޮފް ޑިރެކްޓަރުންނާއި މެނޭޖްމަންޓަށް ހުށަހެޅުމާއި އެ ޕްލޭން ތަންފީޒުކުރުން ހިމެނެއެވެ.
ހަމައެއާއެކު، ކޯޕަރޭޝަންގެ މަގުސަދުތައް ހާސިލުކުރުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމާއި މާކެޓިން މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެނޭޖިން ޑިރެކްޓަރަށް ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން:
- ސީނިއާ މެނޭޖްމަންޓުގެ އިރުޝާދާ އެއްގޮތަށް މާކެޓިންގެ އަހަރީ ބަޖެޓު ތައްޔާރުކުރުން
- ކޯޕަރޭޝަންގެ މާކެޓިން މަސައްކަތް ހަރުދަނާކުރުމަށް ކަމާގުޅޭ އެސްއޯޕީތަކާއި އުސޫލުތައް އެކުލަވާލުން
- ޑިޕާޓްމަންޓުގެ ކުއާޓާލީ އަދި އަހަރީ ރިޕޯޓުތައް އެކުލަވާލައި މެނޭޖްކޮށް ބެލެހެއްޓުން
- ބޭނުންވެއްޖެ ހިނދެއްގައި ކޯޕަރޭޝަންގެ އެހެން ޑިޕާޓްމަންޓުތަކާއި ސެކްޝަންތަކާއެކު މަސައްކަތްކުރުން
- ކޯޕަރޭޝަނުން އިންތިޒާމުކުރާ ހުރިހާ ޙަރަކާތްތަކެއްގައި ޢަމަލީގޮތުން ބައިވެރިވުން
އެ ވަޒީފާއަށް އަންނަ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް، [email protected] އީމެއިލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
އެމްއެމްޕީއާރުސީން އެ އިއުލާންކުރިއިރު، އެ ކުންފުނީގެ މާލީ ހާލަތު ބަލައި އެކުލަވާލި ރިޕޯޓެއް މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ވަނީ ހާމަކޮށްފައެވެ.
އެ ރިޕޯޓުގައިވަނީ، ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ފާހަގަކޮށް، ބަނގުރޫޓުވުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ޖުމުލަ އަދަދު 25އަށް އަރާއިރު އެކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ، ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލު އެފްސީގެ ސްޕޮންސާޝިޕަށެބެ. އެގޮތުން، މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް އެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެކަމަށް އެމްއެމްޕީއާރުސީން މި އަހަރަށް 20.6 މިލިއަން ރުފިޔާ ޚަރަދު ކުރަން ހިމަނާފައިވެއެވެ.
އެ ކޯޕަރޭޝަނަކީ މި ފަހުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްކޮށް ހުންނަވައިގެން, އެ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭގޮތަށް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ ކޮރަޕްޝަނުން ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެއެވެ.