ބަނގުރޫޓުވުމުގެ ބިރު އޮތް އެމްއެމްޕީއާރުސީން އެންމެ ބޮޑު ހޭދައެއް ލިވަޕޫލަށް

ރައީސް ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައި: ރާއްޖެއިން ވަނީ ލިވަޕޫލާއެކު ތާރީޚީ ކެމްޕެއިނެއް ފަށައިފައި -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ), ބަނގުރޫޓް ވެދާނެ ކަމުގެ ބިރު އޮތްއިރު އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ, ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލު އެފްސީގެ ސްޕޮންސާޝިޕަށް ކަމަށް, ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ވަނީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ)ގެ ހާލަތު ބަލައި އެކުލަވާލި ރިޕޯޓް މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައެވެ.

https://www.sun.mv/203653

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ޖުމުލަ އަދަދު 25އަށް އަރާއިރު އެކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ލިވަޕޫލަށެވެ. މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް އެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެކަމަށް އެމްއެމްޕީއާރުސީން މި އަހަރު 20.6 މިލިއަން ރުފިޔާ ޚަރަދު ކުރަން ހިމަނާފައިވެއެވެ.

ލިވަޕޫލުން ބުނީ، މި ޕާޓްނަޝިޕްގައި ކްލަބުގެ ފިރިހެން އަދި އަންހެން ޓީމުތައް ހިމެނޭ ގޮތަށް، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމާއެކު، މި ޖަޒީރާ ގައުމުގައި ހިތްގައިމު ތަންތަނާއި ތަރިކައިގެ ފުޅާމިން ދައްކުވައިދޭނެ ކަމަށެވެ. މި އެގްރީމެންޓްގެ ދަށުން ލިވަޕޫލުގެ ރަސްމީ ދަނޑުގެ ވަށައިގެން ޖަހާފައިވާ އިސްތިހާރު ބޯޑްތަކުން މެޗް ކުރިއަށް ދާއިރު "ވިޒިޓް މޯލްޑިވްސް"ގެ އިސްތިހާރު އަންނަނީ ދައްކަމުންނެވެ.

ރައީސް އިނގިރޭސިވިލާތުގައި: އެ މަނިކުފާނު ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތް ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ލިވަޕޫލަށް މިހާ ބޮޑު ހޭދައެއް ކުރާއިރު އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އޭގެ ފައިދާއެއް ވޭތޯ މިއީ އެ އިންޑަސްޓްރީގެ ބައެއް ބޭފުޅުން އުފައްދާ ސުވާލެކެވެ.

މި ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އޭޕްރީލް މަހު ދަތުރެއް ވެސް ކުރައްވައިފައެވެ. އެ އެ ދަތުރުފުޅަށް ޚަރަދުކުރީ 153،689.92 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެސްއޯއީ ކޮމެޓީގެ ރިޕޯޓްގައި ބުނާގޮތުން އެމްއެމްޕީއާރުސީން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 އިން މެއި އެއް ވަނަ ދުވަހަށް ދުބާއީގައި ކުރިއަށް ގެންދިޔަ އަރަބިއަން ޓްރެވަލް މާކެޓަށެވެ. އެކަމަށް ވަނީ 17.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. ތިން ވަނައަށް ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ ލިވަޕޫލާއެކު ކުރިއަށް ގެންދާ ޕާޓްނާޝިޕްގެ ތެރެއިން ކުރިއަށް ގެންދާ "އޯއޯއެޗު ކެމްޕެއިން ވިތު އެކްސައިޓް" އަށެވެ. އެއީ 2.5 މިލިއަން ރުފިޔާއެވެ.

ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ރާވާފައިވާ ކަންކަމުގެ ގޮތުގައި ރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ, މެމްބަޝިޕް ފީ ބޮޑު ކުރުމާއި ޕަބްލިކޭޝަންތަކަށް އެޑް ވިއްކުމެވެ. އަދި ކުންފުނިން ބޭނުން ކުރަމުން ދިޔަ ދެ ގުދަނުގެ ތެރެއިން އެއް ގުދަން ދޫކޮށްލައި ކުއްޔަށް ކުރާ ހޭދަ މަހަކު 40,000 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

https://www.sun.mv/208083

ހަމައެހެންމެ ޕްރޮމޯޝަން މެޓީރިއަލް ޕްރިންޓް ކުރާ އަދަދު މަދުކޮށްގެން މިދިޔަ އަހަރަށް ވުރެން ތިން މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

ޖުމުލަކޮށް އެމްއެމްޕީއާރުސީގެ މާލީ ހާލަތާ މެދު ކޮމެޓީން ބުނީ އެމްއެމްޕީއާރްސީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް ޢަދަދުތަކެއްގައި ކަމަށެވެ. މިކަމުން ދޭހަވަނީ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ވެސް ސަރުކާރަށް ބަރޯސާވާން ޖެހޭކަމާއި، މިއީ ކުންފުންޏަކީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާކަން އެނގޭ ކަމެއް ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އެމްއެމްޕީއާރުސީ ބަނގުރޫޓްވުމުގެ ބިރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނާއިރު އެ ކުންފުންޏަކީ މި ފަހުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްކޮށް ހުންނަވައިގެން, އެ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭގޮތަށް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ ކޮރަޕްޝަނުން ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.

comment ކޮމެންޓް