ޑިއުޓީ ފްރީ މުވައްޒަފުން މަސައްކަތުގައި އުޅޭއިރު ފޯނު ބޭނުން ކުރުން މަނާކުރުމަށްފަހު، ނޯޓިސް ބާތިލްކޮށްފި

އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތައް --

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިއުޓީ ފްރީ ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ޑިއުޓީގައި އުޅޭ ވަގުތުތަކުގައި ފޯނު ބޭނުންކުރުން މަނާކަމަށް އެންގުމަށްފަހު، އެ ނޯޓިސް ބާތިލްކޮށްފިއެވެ.

ޑިއުޓީ ފްރީ ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިއަދު ފޮނުވި ނޯޓިސްގައިވަނީ މުވައްޒަފުން ޑިއުޓީގައި އުޅޭއިރު، ލިބޭ ހުސް ވަގުތުތަކުގައި ނޫނީ ފޯނު ބޭނުން ކުރުން މަނާވާނެ ކަމަށެވެ. އެ ވަގުތުތަކުގައި ފޯނުތައް ހުންނަންވާނީ ލޮކަރުގައި ކަމަށެވެ.

އެއީ މަސައްކަތުގެ ޕްރޮފެޝަނަލިޒަމާއި، ކަސްޓަމާ ސާވިސް މިންގަނޑުތައް ހަރުދަނާކުރުމަށް ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އިމަޖެންސީ ކަމެއްގައި މުވައްޒަފެއްގެ އާއިލާއިން ގުޅަން ޖެހިއްޖެނަމަ، ޑިއުޓީ ފޯނަށް ގުޅޭނެ ކަމަށް ނޯޓިސްގައިވެއެވެ.

އެހެން ނަމަވެސް ފަހުން ވަނީ އެ ނޯޓިސް ޑިލީޓުކޮށްލައިފައެވެ.

މި ކަމާ ގުޅިގެން ސުވާލު ކުރުމުން އެމްއޭސީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޑިއުޓީ ވަގުތުގައި ފޯނު ބޭނުންކުރުން މަނާވާގޮތަށް އެއްވެސް އުސޫލެއް ހަދާފައިނުވާ ކަމަށެވެ. އަދި އެ ފަދަ އެއްވެސް ނިންމުމެއް އެ ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިނުވާ ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޑިއުޓީ ފްރީ މުވައްޒަފުންނަށް އެ ފަދަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރަމުން އެބަދެއެވެ.

އޮފިޝަލް ވިދާޅުވީ އެމްއޭސީއެލުން މަސައްކަތް ކުރަނީ އެ ކުންފުނިންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.

comment ކޮމެންޓް