ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ގިނަ ދާއިރާތަކަކަށް ވާދަކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިއުލާން ކުރައްވައިފިއެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީއޭއިން ގިނަ ދާއިރާތަކަކަށް ވާދަކުރާއިރު، ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެެވެ.
އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި، އެކި ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަން ވެސް އައްބާސް އިއުލާން ކުރެއްވިއެވެ.
އެމްޑީއޭއަކީ އަބަދު ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުންދާ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ރައްޔިތުންގެ ހައްގުގައި ބަސްބުނެ، ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިނގަމުންދާ ސިޔާސީ ޕާޓީއެއް ކަމަށް އައްބާސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
އެމްޑީއޭ ތަމްސީލުކުރައްވާ މެމްބަރުންގެ ގޮތުގައި މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި، އައްބާސްގެ އިތުރުން އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.