ޑިޑީގެ މައްޗަށް ޓްރެފިކުގެ މައްސަލަ ސާބިތެއް ނުވި

ޑިޑީ --

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ލަވް ކޯމްބްސް ނުވަތަ ސްޓޭޖް ނަމުން ނަމަ "ޑިޑީ"އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ޓްރެފިކް ކުރުމާއި ބިރުދައްކައިގެން ޖިންސީ ގުޅުން ހިންގުވަން އުޅުނު ކަމުގެ މައްސަލަތައް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމައިފިއެވެ.

އިންސާނީ ވަގުފާރިއާއި ރޭޕް އަދި އެ ނޫން ވެސް ސީރިއަސް އެކި ކަހަލަ ތުހުމަތުތަކެއްގެ ވާހަކަ ޑިޑީއާ ދެކޮޅަށް ދެކެވެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެއަށް ފަހު އެ މައްސަލަތައް ތަހުގީގުކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަހުކޮޅެވެ.

ޑިޑީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފައެވެ. އެމެރިކާގެ މެންހެޓަންގައި ހުންނަ ފެޑެރަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ތިން މައްސަލައަކާ ގުޅޭގޮތުން ކޯޓު އަޑުއެހުމުގައި ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އޭގެތެރޭގައި ޓްރެފިކިންގެ މައްސަލަތައް ހިމެނެއެވެ.

މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅުގައެވެ. އެއަށްފަހު ހުރިހާ މައްސަލައަކާ ގުޅޭގޮތުން ގިނަ އަދަދެއްގެ ހެތްކާއި ހެކިވެރީންގެ ބަޔާންތައް ހުށަހަޅާފައިވެއެވެ. ގިނަ މައްސަލަތަކާ ގުޅޭގޮތުން ގިނަ އަދަދެއްގެ ހެކިތައް ހުރި ނަމަވެސް ކޯޓުން އިއްޔެ އިއްވާފައިވަނީ ތަފާތު ހުކުމެވެ.

ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ސާބިތުވަނީ އެންމެ ދެ މައްސަލައެއް ކަމަށެވެ. އެއީ ބަޔަކު ހަށިވިއްކަން މަސައްކަތް ކުރުމުގެ މައްސަލައެވެ. ނަމަވެސް އެންމެ ސީރިއަސް މައްސަލަތައް ކަމަށްވާ ޓްރެފިކް ކުރުމާއި ގަދަކަމުން މީހުންނަށް ބިރުދައްކައިގެން ޖިންސީ ގުޅުން ހިންގުވަން އުޅޭ މައްސަލަތައް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.

މި މައްސަލަތަކާ ގުޅިގެން ހުކުމް އިއްވުން ތާވަލު ކޮށްފައިވަނީ އޮކްޓޯބަރު ތިންވަނަ ދުވަހަށެވެ. ނަމަވެސް ވަކީލުންގެ އެދުމުގެ މަތީން މި މުއްދަތު އަވަސް ކޮށްދެވިދާނެ ކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އޭނާއަށް ކަފާލަތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމަށް ކޯޓުން އަންގާފައިވެއެވެ.

އަންނަ ހަފުތާގައި ވެސް މި މައްސަލައިގެ އަޑުއެހުމެއް އޮތް އިރު އެ އަޑުއެހުން ނިމި ގޮތެއް ނިންމަންދެއް ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބެހެއްޓުމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ.

comment ކޮމެންޓް