ހޮލީވުޑްގެ އެންމެ މަގުބޫލު އަދި މި ވަގުތު އެންމެ ކޮންޓްރޮވާޝަލް އެއް ތަރި ކަމަށްވާ ކާންޔޭ ވެސްޓް މި ފަހަކަށް އައިސް އަމަލުތައް ހުރި ގޮތުން އޭނާ އޮސްޓްރޭލިއާ އެރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
ކާންޔޭ މި ފަހަކަށް އައިސް ސޯޝަލް މީޑިއާތަކުގައި ވަރަށް އެކްޓިވެވެ. ނަމަވެސް، އެންމެ ގިނައިން އޭނާ ޕޯސްޓުކޮށް ހަދަނީ އިންސްޓަގްރާމްގައެވެ. ސޯޝަލް މީޑިއާގައި ކާންޔޭ ދައްކަމުންދާ ވާހަކަތާ ގުޅިގެން އޭނާގެ ބްރޭންޑް ޑީލްތައް ވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ގެއްލިފައެވެ.
ނަމަވެސް އެންމެ ފަހުން އޭނާ ދައްކަން ފެށީ ޖަރުމަނުގެ އެޑޮލްފް ހިޓްލަރަށް ސަޕޯޓު ކުރާ ވާހަކައެވެ. މިކަމާ ގުޅިގެން އެތައް ބައެއްގެ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މާ ގިނަ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، މީގެކުރީން ކާންޔޭއަށް ދީފައިވާ ވިސާ ވަނީ ކެންސަލުކޮށްލާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ގައުމަށް ކާންޔޭއަށް ނުވަދެވޭނެ ކަމަށްވެސް ބާކް ވިދާޅުވިއެވެ.
ކާންޔޭގެ އަމަލުތައް ހުރި ގޮތުން އެފަދަ ވިސްނުންތަކެއް ގެންގުޅޭ މީހަކު އެ ގައުމަށް އަރުވަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވިސާ ކެންސަލުކޮށް އޭނާއަށް އޮސްޓްރޭލިއާ ނޭރޭ ގޮތް ހެދީ އެހެންވެއެވެ.
ކާންޔޭ އާ ދެކޮޅަށް މިފަދަ ނިންމުމެއް އޮސްޓްރޭލިއާއިން ނިންމާފައިވަނީ ކުއްލިއަކަށް ނޫނެވެ. ކާންޔޭގެ އަމަލުތަކާއި ބަހުގެ ގޮތުން އޭނާ ވަނީ މީގެ ތިން އަހަރެއް ކުރީން އޮސްޓްރޭލިއާގެ ސަރުކާރުގެ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން 2022 ވަނަ އަހަރުވެސް އޭނާގެ އަމަލުތަކެއް ހުރިގޮތުން އޭނާ އަށް އޮސްޓްރޭލިއާ ސަރުކާރުން އިންޒާރެއް އެޅިއެވެ. ސޯޝަލް މީޑިއާގައި އެކި މީހުންނަށް ފުރައްސާރަކޮށް ފުޅާ ދާއިރާއެއްގައި ނަސްލީ ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ފާހަގަކޮށް އެ އަހަރު ކާންޔޭގެ ވިސާ ކެންސަލު ކޮށްލާނެ ކަމުގެ އިންޒާރު، އޮސްޓްރޭލިއާ ސަރުކާރުން ދިނެވެ.