ހޮލީވުޑްގެ 'ވޯކް އޮފް ފޭމް'ގެ ޝަރަފު ލިބޭ ފުރަތަމަ އިންޑިއާ ބަތަލާއަކަށް ދީޕިކާ ޕަދުކޯން

ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ސިއާސަތު

ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު އަރުވާ ފުރަތަމަ އިންޑިއާގެ ބަތަލާއަކަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ހޮވިފައިވާކަން އިއުލާނުކޮށްފިއެވެ.

އަންނަ އަހަރު މި ޝަރަފު އަރުވާ ފަރާތްތަކުގެ ތެރޭގައި ބަތަލާ ދީޕިކާ ހިމެނިފައިވާއިރު ދީޕިކާގެ އިތުރުން އިތުރު 35 ފަރާތްތަކަށް "ވޯކް އޮފް ފޭމް"ގެ ތަރި ދޭން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓެލެވިޒަން ތަރިންނާއި، މިއުޒިކީ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނުންގެ އިތުރުން ކޮމެޑީ ޖޯންރާގައި މަސައްކަތް ކޮށްފައިވާ ފަންނާނުން ހިމެނެއެވެ.

ބަތަލާ ދީޕިކާއަށް އަންނަ އަހަރުގެ "ވޯކް އޮފް ފޭމް"ގެ ޝަރަފު އަރުވާފައި ވަނީ މޯޝަން ޕިކްޗާސް ކެޓެގަރީއިންނެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާ އަންނަ އަހަރުގެ "ވޯކް އޮފް ފޭމް"ގެ ލިސްޓުގައި ހިމެނޭކަން އިއުލާނުކޮށްފައި ވަނީ ދަ ހޮލީވުޑް ޗެމްބާ އޮފް ކޮމާސްއިން ލައިވްކޮށް ކުރިއަށްގެންދިޔަ ސެޝަނެއްގައެވެ.

ބަތަލާ ދީޕިކާ ޕަދުކޯން ހޮލީވުޑް އެކްޓަރު ވިން ޑީސްލްއާ އެކު--ފޮޓޯ/އެންޑީޓީވީ

ދީޕިކާގެ އިތުރުން އަންނަ އަހަރު "ވޯކް އޮފް ފޭމް"ގެ ޝަރަފު އަރުވާނެކަން ކަށަވަރުވެފައިވާ ހޮލީވުޑްގެ ތަރިންގެތެރޭ ޑެމީ މޯ، ރޭޗެލް މެކްއެޑަމްސް، އެމިލީ ބްލަންޓް، ރަމީ މަލެކް އަދި ސްޓޭންލީ ޓޫޗީ ހިމެނެއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ޑިމާންޑު ބޮޑު އަދި އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ދީޕިކާއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް ނަން މަޝްހޫރު އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ.

ބަތަލާގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމަކީ 2017 ވަނަ އަހަރު ހޮލީވުޑް އެކްޓަރު ވިން ޑީސްލްއާ އެކު ކުޅުނު ފިލްމު "އެކްސް އެކްސް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް"އެވެ. ދީޕިކާގެ އެންމެފަހުން ރިލީޒްވި ފިލްމަކީ ޑައިރެކްޓަރު ނާގް އަޝްވިން މިދިޔަ އަހަރު ގެނެސްދިން ސައިންސް ފިކްޝަން ފިލްމު "ކަލްކީ"އެވެ.

comment ކޮމެންޓް