ސިފައިން ގޭގައި 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި ރިޓަޔާޑް ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް ޙަސަން އަބޫބަކުރު (ބޮޑު ހަސަނު) އިއްޔެ ނިޔާވެއްޖެއެވެ.
އޭނަ ނިޔާވީ ރޭ، އަވައްޓެރި ސްރީލަންކާގައެވެ.
ސިފައިންގެ އަސްކަރީ ތާރީޚާއި، އަދަބީ ކަންކަމުގައި ގިނަ ލިޔުންތަކެއް ލިޔުއްވާ ބޭފުޅެއްކަމަށްވާ، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ލިޔުއްވައިފައިވާ ގޮތުގައި، ޙަސަން އަބޫބަކުރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 1970ވަނަ އަހަރުގެ އޯގަސްޓު މަހުގެ 13ވަނަ ދުވަހެވެ. އަދި އެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވީ 2009ވަަނަ އަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހެވެ.
ހަސަން އަބޫބަކުރު ފާހަގަކޮށްލެވެނީ، ނޮވެންބަރު ތިންވަނަ ދުވަހު މާލެތެރޭގައި ދުޝްމަނުންނާ ދެކޮޅަށް ހަރަކާތްތެރިވި ސިފައިންނާ އެކު މަސައްކަތްކުރެއްވި ހިތްވަރުގަދަ، ބިރު ކުޑަ ބޭފުޅެއްގެ ގޮތުގައިކަމަށް ސައީދު ލިޔުއްވައިފައިވެއެވެ.
އެގޮތުން އެ ދުވަހު ގިރިފުށްޓަށް ހަތިޔާރު ބަލައި ދިޔަ ޓީމުގެ މެންބަރުންގެ ތެރޭ އޭނާ ހިމެނޭކަމަށާއި އިންޑިއާ ސިފައިން މާލެ އެރިތަނުން ގިރިފުށިން ހަތިޔާރު ހިފައިގެން އައި މި ޓީމު ފެނިގެން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ޙަސަން އަބޫބަކުރު ހިމެނޭކަމަށް ސައީދު ލިޔުއްވިއެވެ.
"އަދި އިންޑިއާ ސިފައިންނަށް މިއީ ދިވެހި ސިފައިންގެ ބައެއްކަށް ޔަގީންވަންދެން ޙަސަންބެމެން ތިއްބެވީ އިންޑިއާ ސިފައިންގެ ބަޑިތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވާފައެވެ، ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ލިޔުއްވިއެވެ.
މީގެ އިތުރުން، ސައީދު ލިޔުއްވައިފައިވާ ގޮތުގައި، ޙަސަން އަބޫބަކުރަކީ ސިފައިންގޭގައި އެއްގަމު އުޅަނދުފަހަރާއި އިންޖިނިއަރިންގެ ޚިދުމަތް ދިނުމަށް 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14ވަނަ ދުވަހު އެންމެ ފުރަތަމަ ޔުނިޓެއް އުފެއްދެވިއިރު ތިއްބެވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެވެ.
އެގޮތުން "ޓްރާންސްޕޯޓް ސެކްޝަން"ގެ ނަމުގައި ފެށި އެ ޚިދުމަތް ތަރައްގީވެ މިއަދު އެއީ އެމްއެންޑީއެފްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) ކަމަށް ސައީދު ލިޔުއްވައިފައިވެއެވެ.
މީގެ އިތުރުން އަނެއް ޔުނިޓަކީ ކުރީގެ ޓްރާންސްޕޯޓް ސާވިސް ނުވަތަ މިހާރުގެ ސަޕްލައި އެންޑް ޓްރާންސްޕޯޓް ސާވިސް (އެސްޓީއެސް) ޔުނިޓު ކަމަށާއި، ޙަސަން އަބޫބަކުރު ސިފައިންގެއިން ރިޓަޔާކުރެއްވިއިރު ހުންނެވީ ޓްރާންސްޕޯޓް ސާވިސްގެ ޚިދުމަތުގައިކަމަށް ވެސް ސައީދު ލިޔުއްވައިފައިވެއެވެ.
ސައީދު ލިޔުއްވައިފައިވާ ގޮތުގައި، ހަސަން އަބޫބަކުރަށް ވަނީ ޝަރަފުގެ ނިޝާނުގެ ގޮތުގައި ހަ ކުލައާއި ފަސް މެޑެލި ލިބިލައްވައިފައެވެ. އޭގެ ތެރޭ، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސައްތައިގެ މެޑެލި، ތިނެއް ނޮވެންބަރުގެ މެޑެލި ހިމެނެއެވެ. ހާސިލުކުރެއްވި އަސްކަރީ ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލައާއި ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ.