މިދިޔަ އާދިއްތަ ދުވަހު މާލޭގެ ގެއަކަށް ބަޔަކު ވަގަށް ވަދެ، އެ ގޭގައި ހުރި އަގުބޮޑެތި ސާމަނުތަކެއް ވަގަށް ނަގައިފިއެވެ.
މިކަމާ ގުޅިގެން އެ ގޭގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އާދިއްތަ ދުވަހުގެ ހެނދުނު 06:13 ހާއިރު ދެމީހަކު އެގައަށް ވަނީ ފެންލައިޓެއް ހަލާކުކޮށްލައިގެން ކަމަށެވެ. މި ފެންލައިޓު އެމީހުން ހޯދީ އެގެއާ ޖެހިގެން ހުރި މއ. ބަބުލަވާލިގައި ހުރި ކޮންސްޓްރަކްޝަން ސައިޓަކުން ކަން ފާހަގަކޮށް އެ ޕޯސްޓުގައި ވަނީ އެމީހުން އެގޭތެރޭގައި 20ވަރަކަށް މިނިޓު ހޭދަކުރިކަމަށެވެ. މި މީހުން ވަނީ އެގެއިން އަގުބޮޑެތި ސާމާނުތަކެއް ވަގަށް ނަގައިފައެވެ.
އޭގެތެރޭގައި، ވަންޕްލަސް ޓެބްލެޓަކާއި އައިފޯނަކާއި ދެ ލެޕްޓޮޕާއި ބްލޫޓޫތް ސްޕީކަރަކާއި އަވިއައިނާއި ސެންޓުގެ އިތުރަށް ދަބަސްތަކެއް ހިމެނޭކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެ ދުވަހުގެ ހެނދުނު 07:30 ހާއިރު ފުލުހުންނަށް އެ ހާދިސާ ރިޕޯޓުކުރުމުން ވަރަށް އަވަހަށް އެކަމަށް އިޖާބަދިން ކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެހެންނަމަވެސް، ތަކެތި ފޭރުނު މީހުން އަންގި އަރުވައިގެން ތިބުމުން އެއްވެސް ތަނަކުން އެމީހުންގެ ފިންގަޕްރިންޓެއް ހޯދިފައި ނުވާ ކަމަށާއި ލިބިފައިވާ ސީސީޓީވީ ފުޓޭޖުން ވެސް އެއީ ކޮންމެ ބައެއްކަން ސާފުނުވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.
އެގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ އެހީތެރިކަމާ އެއްކޮށް ފޯނު ހޯދާފައިވާއިރު، ވަގަށް ނެގި ބައެއް ތަކެތި ވިއްކަން އުޅުނު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އޭނާ ލިޔެފައި ވެއެވެ.
އެކަމަކު، އެކަމުގައި އެންމެ އިސްކޮށް ހުރި ކަމަށް ޝައްކު ކުރެވޭ މީހާ އަދިވެސް ފިލައިގެން އުޅޭތީ އޭނާ ވަނީ އެކަން ފާހަގަކޮށްފައެވެ. ވައްކަމުގައި އެންމެ އިސްކޮށް އުޅުން މީހާ އެންމެ ފަހުން ފެނުނީ ރަތް ކުލައިގެ ދަބަހެއް ހިފައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ކަމަށް އެޕޯސްޓުގައި ވެއެވެ.
އޭނާގެ އަތުގައި 40،000 ރުފިޔާއާ ގާތްކުރާ އަދަދެއްގެ އަގުހުރި ތަކެތި ހުންނާނެކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.
މި ކުށުގައި ބައިވެރިވި ހުރިހާ އެންމެންގެ ރިޕޯޓުތައް ފުލުހުންނަށް ލިބިފައިވާކަން މި ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ. މި ޕޯސްޓުގައި އިތުރަށް ވަނީ، އޭގެތެރެއިން އެއްބައި މީހުންގެ ރިކޯޑު 40އަށް ވުރެ މައްޗަށް އަރާކަން ފާހަގަކޮށްފައިވެއެވެ. އެހެންވެ، ވައްކަމުގައި ބައިވެރިވި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ހިއްސާކުރުމަށް އޭނާ ވަނީ އެދިފައެވެ.
މިހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ވައްކަމުގެ މައްސަލަ ތަަކަކީ މާލޭގައި ގިނަ މައްސަލަތަކެކެވެ. އެގޮތުން ވައްކަމުގެ 1،593 މައްސަލަ މި އަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.