މާލެއިން 32 އަހަރުގެ ފިރިހެނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ގެއްލިގެން ހޯދަނީ ޏ. ފުވައްމުލައް، ހޯދަޑު، ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދެވެ.
އޭނާ ހޯދަން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައި ވަނީ އިއްޔެ 18:16 ހާއިރެވެ.
އެކަމަކު، އޭނާގެ ޚަބަރެއް މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން ނުވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލަ ރިޕޯޓްކުރުމާއެކު، ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށްގެން އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންވެ، ސާމީއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައިވެއެވެ.
އާއިލާއަށް ޚަބަރެއް ނުވެގެން ދޭތެރެއަކުން މީހުން ހޯދަން ފުލުހުން އިއުލާނުކުރެއެވެ. އެކަމަކު، އިއުލާން ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ މީހުން އާއްމުކޮށް ފެނެއެވެ.