ޝަރީއަތް ނިމެންދެން ބަންދުކުރި މަންޑޭ 10 ދުވަސް ފަހުން ކޯޓުން މިނިވަންކޮށްފި

ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) --

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރިތާ 10 ދުވަސް ފަހުން މިއަދު ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކުރަން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ޝަރީއަތަށް އެއްބާރުލުން ނުދޭ މައްސަލައިގައެވެ. އެއާއެކު އޭނާ ބަންދު ކޮށްފައި ހުރީ ހުޅުމާލޭ ޖަލުގައެވެ.

ނަމަވެސް މިއަދު އޮތް ޝަރީއަތުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އޭނާ ޖަލު ބަންދުން ދޫކޮށްލަން އަމުރު ކޮށްފައެވެ.

https://www.sun.mv/207706

އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ.

މިދިޔަ އަހަރުގެ ޖުލައި 30 ގައި ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަލައިގައި ޝަރީއަތް ވަނީ ފަށައިފައެވެ.

ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.

އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ.

ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.

ތަހުގީގުގެ ތެރެއިން ބެލިއިރު އޭރު އެ ޕެންޓްހައުސްގެ އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނެވެ.

ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަންޑޭ ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ އެ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފައެވެ.

ކޭޕާކުން ފުލެޓު ގަނެގެން ތިބި މީހުން އަންނަނީ އެ މައްސަލައަށް އެކަށިގެންވާ ހައްލެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް