މާލީ ގެއްލުމަކަށް ވެއްޓުނީ ކުރީ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުން: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި ޗެއާޕާސަން އަބްދުﷲ ގިޔާސް: އެ ކުންފުނިން ބުނީ، މާލީ ގެއްލުމަކަށް ވެއްޓުނީ ކުރީ ސަރުކާރުގައި ޖަމާވި 203 މިލިއަން ގެއްލުމުގެ ސަބަބުން ކަމަށް -- ފޮޓޯ/ އެމްއެމްޕީއާރުސީ

މާލީ ބޮޑު ގެއްލުމަކަށް ވެއްޓި، ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުން ކަމަށް, މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަަހު ނެރުނު ރިޕޯޓުގައިވަނީ އެމްއެމްޕީއާރްސީގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް ޢަދަދުތަކެއްގައި ކަމަށެވެ.

https://sun.mv/208083

މިކަމުން ދޭހަވަނީ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

އެކަމާ ގުޅިގެން އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެކުންފުނި މާލީ ގެއްލުމުގެ ހާލަތަށް ވެއްޓުނު މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުގައި ޖަމާވެފައިވާ މާލީ ގެއްލުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން، އެ ކުންފުނީގެ މިދިޔަ ހަތަރު އަހަރުގެ މާލީ ރިކޯޑުތަކާ ހަވާލާދީ އެމްއެމްޕީއާރުސީން ބުނީ، އެ މުއްދަތުގައި ޖުމުލަ 203.8 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް އެކޯޕަރޭޝަނަށް ލިބިފައި ވަނީ 2021ވަނަ އަހަރެވެ. އެ އަހަރު އެކަނި 141 މިލިއަން ރުފިޔާ ގެއްލުން އެމްއެމްޕީއާރުސީއަށް ލިބިފައިވާއިރު، އޭގެކުރިން 2020 ވަނަ އަހަރު ލިބުނީ 1.6 މިލިއަން ރުފިޔާގެ ގެއްލުމެވެ.

އޭގެފަހުން، 2022ގައި 42 މިލިއަން ރުފިޔާގައި ގެއްލުން ހުރި ނަމަވެސް 2023ގައި ގެއްލުންވެފައި ވަނީ 17 މިލިއަން ރުފިޔާއެވެ.

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ, ތޮއްޔިބު މުހައްމަދެވެ. އޭނާ އެ ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރު އެ ކުންފުންޏަކީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މިފަހުން ރާއްޖެ ދުށް އެންމެ ބޮޑު ހިޔާނާތް ހިންގި ކުންފުންޏެވެ. އެ ހިޔާނާތުގެ ގެއްލުމުގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.

މަޖިލީހުގެ ކޮމިޓީން ނެރުނު ރިޕޯޓު ބިނާވެފައި އޮތީ ފާއިތުވި ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށްކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނެފައި ވަނީ، މިހާރަށް ވުރެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ބުނެފައެވެ.

އެގޮތުން މިހާރު ހިނގަމުންދާ ޚަރަދުތައް 10 އިންސައްތައަށް ވަނީ ކުޑަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުގެ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ފުރިހަމަ އެސެސްމަންޓެއް ހަދައި، ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރު އެޖެންސީތަކުގެ އަދަދު 21އިން ހައަކަށް އެމްއެމްޕީއާރުސީން ވަނީ ކުޑަކޮށްފައެވެ. ހަމައެކަނި އެ މަސައްކަތުން ހަތަރު މިލިއަން ރުފިޔާ ސަލާމަތްކުރެވުނު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއާއެކު، ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދެއް ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް އެމްއެމްޕީއާރުސީން ބޭނުންކުރި ނަމަވެސް، އެ ޚަރަދުގެ 34 އިންސައްތަ ވަނީ ދަށްކޮށްފައެވެ. އަދި، ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ އެއްކޮށް "ޑޮލާ ޓު ޑޮލާ" ޕާޓްނަޝިޕްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް ހުރި ކުންފުނިތައް އުވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިގްތިޞާދީ އެެޖެންޑާގައި ހިމެނޭ ކަމެކެވެ. އެ ވިސްނުމާ އެއްގޮތަށް ސަރުކާރު ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ގެންދަނީ ސަރުކާރު ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް، ކުންފުނިތަކުގެ ހިންގުމާ ގުޅޭ މައުލޫމާތު ސާފުކުރަމުންނެވެ.

comment ކޮމެންޓް