އިގުތިސާދީ އެއްބާރުލުން އިތުރުކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތްވާލް -- ފޮޓޯ/ ޓްވިޓާ

ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، އިގުތިސާދީ އެއްބާރުލުން އިތުރު ކުރެވޭނެ އައު ފުރުސަތުތަކާގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތްވާލް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ, ބަރްތްވާލް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން އިކޮނަމިކް މިނިސްޓްރީގައެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އިންޑިއާއާއި ރާއްޖެއާ ދެމެދު އިންވެސްޓްމަންޓާއި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކާމެދު މަޝްވަރާ ކުރެއްވުމަށް، އިންޑިއާގެ ކޮމާސް ސެކްރެޓަރީ، މިނިސްޓަރު ސައީދާ ބައްދަލު ކުރެއްވި ކަމަށެވެ.

ސައީދު އެކްސްގައި ވިދާޅުވީ ބަރްތްވާލްއާއެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ވަރުގަދަކޮށް، އިގުތިސާދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ، އިންޑިއާގެ ހަތިޔާރު އެޅި ސިފައިންގެ މީހުން ރާއްޖޭގައި ތިބިކަމަށް ބުނެއެވެ. އަދި އެ މީހުން ރާއްޖެއިން ބޭލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް، ސަރުކާރަށް ނިސްބަތްވާ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވިއެވެ.

އެހެން ނަމަވެސް ފަހުން، އެ ގުޅުން ރަނގަޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، އެ ގައުމުގެ އެހީގައި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައިވެއެވެ.

comment ކޮމެންޓް