ޑޮލަރު މާރުކުރަން މަޖުބޫރަސް، ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު ވީ މަދު: ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު: ވިދާޅުވީ ޑޮލަރު މާރުކުރަން މަޖުބޫރަސް، ދައުލަތުގެ ރިޒާވަށް ޑޮލަރު އިތުރެއް ނުވާ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރިނަމަވެސް، މިއަދާ ހަމައަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އިތުރުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މެއި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި 815 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އެއީ ނުވަ މަސް ތެރޭގައި އިންޑިއާއަށް އަނބުރައި ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ވެސް ހިމަނައިގެން ރިޒާވުގައި ހުރި މިންވަރު ކަމަށާއި އެހެން ކަމުން ރިޒާވުގައި އަސްލު ބާކީ ހުރީ 415 މިލިއަނެއްހައި ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ އެމްޑީޕީން މި ސަރުކާރާ ވެރިކަން ހަވާލުކުރިއިރު ވެސް ދައުލަތުގެ ރިޒާވުގައި 590 މިލިއަން ޑޮލަރު ހުރި ކަމަށެވެ.

"އެ ބޭފުޅުންނަށް ވެރިކަން ހަވާލުކުރި ދުވަހާ މިއަދާ ބަލާއިރު، ރިޒާވުން އެކަނި ވެސް 175 މިލިއަން ޑޮލަރު މައިނަސްއޭ ވީ. އެހެންވީމާ ޑޮލަރު މާރުކޮށްގެން ވިޔަސް ދައުލަތުގެ ރިޒާވް މިއަދާ ހަމައަށް މި ބޭފުޅުންނަކަށް ނެތް އިތުރުކުރެވިފައެއް،" ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވާ ގޮތުގައި ޓޫރިޒަމް ވިޔަފާރިތަކުން މާރުކުރާ ޑޮލަރުން ވެސް، އާމްދަނީގެ ގޮތުގައި ސަރުކާރަށް 1.1 ބިލިއަން ޑޮލަރު ލިބިފައި ހުންނަންވާނެއެވެ.

އަސާސީ ޚިދުމަތްތަކަށް ކުރާ ހޭދަ 45 މިލިއަން ޑޮލަރަށް އަރާއިރު، ބާކީ ފައިސާ ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ.

މި ފަހުންވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދިވެހީން އާންމުކޮށް ބޭނުންކޮށް އުޅޭ އީކޮމާސް ވެބްސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ވެސް ނެގުމަށް ނިންމައިފައެވެ. މި ކަމަށް އަލިއަޅުވާލައި ޝަމްހީދު ވިދާޅުވީ އެއީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ. ރައްޔިތުންގެ އަތުން އެ ފަދަ ޓެކުހެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

އެމްއެމްއޭއީން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.

އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ.

އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ.

މިދިޔަ ފެބްރުވަރީ މަހު މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި ޖަނަވަރީ މަސް ނިމުނުއިރު ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 50 މިލިއަން ޑޮލަރު މާރުކޮށްފައިވާއިރު، ރިޒާވަށް ފަސް ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

https://sun.mv/202437

އެހެންނަމަވެސް މެއި މަސް ނިމުނުއިރު، ރިޒާވް ފަސް ޕަސެންޓް ދަށްވެފައިވާކަން ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިންޑިއާއިން ދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާއެކު ރިޒާވް އިތުރުވި ނަމަވެސް، ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ބޭރުގެ އިދާރާތަކުން ވަނީ ފާޅުކޮށްފައެވެ. އޭގެ ސަބަބުން، އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ. ފިޗުން 'ސީސީ' ރޭޓިންއެކެވެ. މޫޑީޒްއިން ދީފައިވަނީ 'ސީއޭއޭ2' ރޭޓިންއެކެވެ.

comment ކޮމެންޓް