އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން އެއް ވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނާ އާއި ހަ ވަނައަށް ސީޑު ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ތިން ވަނަ ބުރުން އިޓަލީވިލާތުގެ ސިނާ ޖާގަ ހޯދީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ އެލެގްޒެންޑާ ވުކިޗް އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް އެކެއް، ހައެއް އެކެއް އަދި ހައެއް ތިނަކުންނެވެ.
ތިން ވަނަ ބުރުގައި ސިނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގައި ފަންސާސް ދެވަނައަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ޕެޑްރޯ މާޓިނޭޒް އާއެވެ.
ނަމަވެސް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ސިނާ ހިމެނޭ ފަޅިން ޖޯކިވިޗް އާއި ސިނާ ޖެހޭގެ ކަމަށް ގަބޫލް ކުރެވިފައިވާ މެޗަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ފާހަގަ ކުރިގޮތުގައި ގްރޭން ސްލޭމް މުބާރާތް ތަކުގައި ހުރިހާ މެޗެއް ވެސް ވަރަށް އުނދަގޫ ކަމަށާއި އަދި ވަކިން ހާއްސަކޮށް މި މުބާރާތުގައި މިހާތަނަށް ރޭންކް ކުރެވިފައިވާ ގިނަ ކުޅުންތެރިންތަކެއް މުބާރާތައް ފުރަތަމަ ދެބުރުން އަލްވަދާއު ކިޔަން ޖެހިފައިވުމުން ހުރިހާ މެޗަކަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވުން މުހިންމު ކަމަށެވެ. އެހެން ކަމުން ތިން ވަނަ ބުރުގެ މެޗާވެސް ކުރިމަތިލާނީ ފުރަތަމަ ދެ ބުރެކޭ އެއްގޮތަށް ވަރަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.
މި މުބާރާތުގެ ތިން ވަނަ ބުރުން ސާބިއާގެ ޖޯކިވިޗް ޖާގަހޯދީ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ ޑެން އިވާންސް އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ޖޯކޮވިޗް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް، ހައެއް ދެއެއް އަދި ހައެއް ސުމަކުންނެވެ.
މި މުބާރާތުގެ ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ މި މުބާރާތުގައި އެގާރަ ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއެވެ.
ޑި މިނޯ ތިންވަނަ ބުރުން ޖާގަހޯދީ ފަރަންސޭސިވިލާތުގެ އާތާ ކަޒާއުކްސް އާއި ބައްދަލުކުރި މެޗު ހަތަރެއް ހައެއް، ހައެއް ދެއެއް، ހައެއް ހަތަރެއް އަދި ހައެއް ސުމަކުން ކާމިޔާބު ކޮށްގެންނެވެ.
މީގެ އިތުރުން ރޭގެ މެޗުތަކުން އެންމެ ފާހަގަ ވެގެންދިޔައީ އިނގިރޭސިވިލާތުގެ އުންމީދު އެންމެ ބޮޑަށް ގުޅިފައިވާ ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އެ ޤައުމުގެ ޖެކް ޑްރެޕާ ދެވަނަ ބުރުގައި ހައިރާން ކުރުވަނިވި ގޮތަކަށް މަރިން ސިިލިޗް އަތުން ތިން ސެޓު އެއް ސެޓުން ބަލިވުމެވެ.
މި މެޗުގެ ފުރަތަމަ ދެސެޓު ހައެއް ހަތަރެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައިވަނީ ސިލިޗްއެވެ. ޑްރެޕާ ތިންވަނަ ސެޓު އެކެއް ހަޔަކުން ކާމިޔާބު ކުރި ނަމަވެސް ހަތަރު ވަނަ ސެޓު ސިލިޗްވަނީ ހައެއް ހަތަރަކުން ކާމިޔާބު ކޮށް ތިންވަނަ ބުރު ކަށަވަރު ކޮށްފައެވެ.