އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.
ކުއާޓާ ފައިނަލުން ސްޕެއިންގެ އަލްކަރާޒް ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި 14ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވްއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. ވަރަށް ވާދަވަރި ކުޅުމަކާ އެކު ފެށި މެޗުގެ ފުރަތަމަ ސެޓުގެ ނަތިޖާ ނެރެން ޖެހުނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ.
ޓައިބްރޭކްގައި 5-7 އިން ކުރި ހޯދާފައިވަނީ ރުބްލޭވްއެވެ. ނަމަވެސް، މެޗުގައި ރުބްލޭވްއަށް އޭނާގެ އެ ކުޅުން އިތުރަށް ދެއްކޭގޮތް ނުވިއިރު އަލްކަރާޒް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ޖެހިގައި ތިން ސެޓު ކާމިޔާބުކޮށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ތިން ސެޓު އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ 6-3، 6-4 އަދި 6-4 އިންނެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އަލްކަރާޒް ބުނީ، މެޗެއްގައި އެއް ސެޓު ދަށްވުމަކީ މައްސަަލައެއް ނޫން ކަމަށާއި ހުރިހާ ވެސް އެއްޗަކީ މިފަދަ މެޗުތަކުގައި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދެމެހެއްޓުން ކަމަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލްކަރާޒާއި ކުރިމަތިލާން ޖެހޭނީ އިނގިރޭސިވިލާތުގެ ކުޅުންތެރިންގެ ތެރެއިން މިހާރު ފިރިހެން ސިންގަލްސްގައި ރަނގަޅު ކުޅުމެއް ދައްކާ ކެމަރޮން ނޯރީއާއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ނޯރީ ޖާގަ ހޯދީ ޗިލީގެ ނިކޮލަސް ހެރީއާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 6-3 އިން ކާމިޔާބުކުރިއިރު ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-4 އިން ކާމިޔާބުކޮށްފައިވަނީ ވެސް ނޯރީއެވެ. ނަމަވެސް، ޖެހިގެން އައި ދެ ސެޓު އަނެއްކާ ވެސް ދެ ޓައި ބްރޭކަކަށް ގޮސް 7-9 އަދި 5-7 އިން ކާމިޔާބުކޮށްފައިވަނީ ހެރީއެވެ. ފަހު ސެޓު ނޯރީ ކާމިޔާބުކޮށްފައިވަނީ 6-3 އިންނެވެ.
މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ފަސްވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒާއި އޮސްޓްރޭލިއާގެ ޖޯޑަން ތޮމްޕްސަން ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު 6-1 އިން އަދި ދެވަނަ ސެޓުގައި ތިން ގޭމްއިން ފްރިޓްޒް ކުރީގައި އޮއްވާ ތޮމްޕްސަަންއަށް އަނިޔާވުމުގެ ސަބަބުން ވަނީ މެޗު ހުއްޓާލައިފައެވެ. އެހެންކަމުން މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއްވަނީ ފްރިޓްޒްއަށް ލިބިފައެވެ. ކްއާޓާ ފައިނަލްގައި ފްރިޓްޒް ބައްދަލުކުރާނީ 17ވަނައަށް ސީޑު ކުރެވިފައިވާ ކަރެން ހަޗަނޯވްއާއެވެ. ހަޗަނޯވް ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ޕޯލަންޑްގެ ކަމީލް މައިޗިރްޒަކްއާއި ބައްދަލުކުރި މެޗު 6-4، 6-2 އަދި 6-3 ކާމިޔާބުކޮށްގެންނެވެ.