ސަބަލެންކާ މޮޅުވިއިރު ގައުފް މުބާރާތަށް އަލްވަދާއު ކިޔައިފި

ވިމްބަލްޑަން ޝެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މުބާރާތުގައި އެއް ވަނައަށް ސީޑު ކުރެވިފައިވާ އަރީނާ ސަބަލެންކާ ޖާގަހޯދިއިރު އެންމެ ފަހުގެ ފްރެންޗް އޯޕަން ޗެމްޕިއަން އަދި މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ކޯކޯ ގައުފް ދެވަނަ ބުރުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔައިފިއެވެ.

މި މުބާރާތުގެ ތިން ވަނަ ބުރުން ބެލަރޫސްގެ ސަބަލެންކާ ޖާގަ ހޯދީ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ މާރީ ބޮއުޒްކޯވާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗު ސީދާ ދެ ސެޓުން ސަބަލެންކާ ކާމިޔާބު ކުރި ނަމަވެސް ފުރަތަމަ ސެޓު ދިޔައީ ވަރަށް ފޯރިއާއެކުއެވެ. މި ގޮތުން ޓައި ބްރޭކަކަށް ގޮސް ސަބަލެންކާ ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ. ދެވަނަ ސެޓު ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.

މި ކާމިޔާބީ އާއެކު މި މުބާރާތުގެ ތިންވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ އެމާ ރަޑުކާނޫ އާއެވެ. ރަޑުކާނޫ ތިންވަނަ ބުރުން ޖާގަހޯދީ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޫސޯވާ އާއި ބައްދަލުކުރި މެޗު ހައެއް ތިން އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތަށް އެމެރިކާގެ ގައުފް އަލްވަދާއު ކިޔަން ޖެހުނީ ދެވަނަ ބުރުގައި ޔޫކްރެއިންގެ ޑަޔާނާ ޔަސްޓްރެމެސްކާ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ޔަސްޓްރެމްސްކާ ކާމިޔާބު ކުރުމުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރި ކަމާއެކު ޓައިބްރޭކަކަށް ދިޔައިރު ޓައިބްރޭކް ޔަސްޓްރެމްސްކާ ކާމިޔާބު ކޮށްފައިވަނީ ހަތެއް ތިނަކުންނެވެ. އަދި ދެވަނަ ސެޓުގައި ގައުފްއަށް އެއްވެސް ވަރަށް ކުޅެވުނު ތަނެއް ނުފެނުނެވެ.

މި ގޮތުން މި ސެޓު އޭނާއަށް ގެންލުނީ ހައެއް އެކަކުންނެވެ. މި ފަހަރުގެ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާ ތަކެއް ފެނިގެންދިޔަ ނަމަވެސް މިއީ އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ނަތީޖާއެވެ. ގައުފްގެ އިތުރުން މި މުބާރާތުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔާސްމީން ޕައޮލީނީ ވެސް ވަނީ ދެވަނަ ބުރުން މުބާރާތަށް އަލްވަދާއު ކިޔާފައެވެ. އެއީ ކަމީލާ ރަހިމޯވާ އާއި ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ޕައޮލީނީ ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ ޖެހިގެން އައި ދެ ސެޓު ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން ރަހިމޯވާ ކާމިޔާބު ކޮށްގެންނެވެ.

comment ކޮމެންޓް