ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ތަންފީޒު ކުރުމަށް ތައްޔާރު: ހަމާސް

އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ ތުއްތު ކުއްޖެއްގެ ހަށިގަނޑު. ފޮޓޯ/އޭޕީ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގަތަރާއި މިސްރު މެދުވެރިކޮށް އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް 'ޕޮޒިޓިވް" ޖަވާބެއް ދީފައިވާނެ ކަމަށާއި ހުށަހެޅުން ތަންފީޒު ކުރުމަށް ތައްޔާރު ކަމަށް ހަމާސްއިން ބުނެފިއެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާ ނިމުމަކަށް ގެނައުމުގައި ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

"ހަމާސްއިން ވަނީ މެދުވެރިންނަށް ދޭ ޖަވާބު ދީފައި. ވަރަށް ސީރިއަސް ކަމާއެކު މި އޮނިގަނޑު ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް ހަމާސްއިން ފުރިހަމައަށް ތައްޔާރަށް އޮތީ." އެ ގްރޫޕުން ނެރުނު ބަޔާނެއްގައިވެއެވެ.

އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަށް ރަސްމީ ޖަވާބެއް ދިނުމުގެ ކުރިން ފަލަސްތީނުގެ އެހެން ޖަމާއަތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހަމާސްއިން މީގެކުރިން ވަނީ ބުނެފައެވެ.

ހަމާސްއިން އެގޮތަށް ބުނެފައިވާއިރު، ހަމާސްއިން އާ ހުށަހެޅުމަށް އެއްބަސްވެފައިވާކަން 24 ގަޑިއިރުގެ ތެރޭގައި އެނގޭނެ ކަމަށް ލަފާކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމަ 60 ދުވަހަށް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށާއި، އެހެންވެ، ހަމާސްއިން ވެސް އެކަމަށް އެއްބަސްވުމަށް މި ހަފުތާ ކުރީކޮޅު ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް އެކަމާ ގުޅިގެން އިސްރާއީލުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ހުށަހެޅުން ހުށަހެޅި ނަމަވެސް، އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

އެ އެއްބަސްވުމުގައި ޓްރަމްޕް ގެރެންޓީ ދީފައިވަނީ 60 ދުވަހަށް ހަމަލާތައް ހުއްޓާލައި، އިސްރާއީލުގެ އަސީރުން މަރުހަލާތަކަކަށް ބަހާލައިގެން ދޫކޮށްލުމާއި އިންސާނީ އެހީ އިތުރުކުރުމަށެވެ.

ރަހީނުން ބަދަލުކުރުމަށް ހުށަހަޅާފައި ވަނީ މިހާރު ތިބި 58 ރަހީނުންގެ ތެރެއިން އިސްރާއީލުގެ ދިރިހުރި 10 މީހުންނާއި، މަރުވެފައިވާ 18 މީހުންގެ ހަށިގަނޑު ބަދަލު ކުރުމަށެވެ. ފުރަތަމަ ދުވަހު ދިރިތިބި އަށް އަސީރުން ދޫކޮށްލަން ހުށަހަޅާފައިވާއިރު، އޭގެ ފަހުން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި، ހަތްވަނަ ދުވަހާއި، 30ވަނަ ދުވަހާއި 50ވަނަ ދުވަސް އަދި 60ވަނަ ދުވަހު ރަހީނުން ދޫކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެ ހުށަހެޅުމުގެ ދަށުން ހަމާސްގެ ހުއްދަ ލިބުމާއެކު ވަގުތުން ޣައްޒާއަށް އެހީ ފޯރުކޮށްދީ، އެހީ ބެހުމުގެ މަސައްކަތް އދ. އާއި ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ ހިމެނޭ ގޮތަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ކުރުމަށް ވަނީ ހުށަހަޅާފައެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އޮނިގަނޑުގެ ތެރެއިން، އެއްބަސްވުމަށް އަމަލުކުރަން ފެށުމުން އިސްރާއީލުގެ އަސްކަރީ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓަން ޖެހޭނެ ކަމަށްވެސް ހުށަހެޅުމުގައި ވާކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ގޮތުން ޣައްޒާ މަތިން ދަތުރުކުރާ އަސްކަރީ އަދި ސަވައިލެންސް ފްލައިޓްތައް ކޮންމެ ދުވަހަކު 10 ގަޑިއިރަށް ހުއްޓާލައި، ރަހީނުން ބަދަލުކުރާ ދުވަސްތަކުގައި 12 ގަޑިއިރު ވަންދެން ހުއްޓާލާފައި ބޭއްވުމަށް ހުށަހެޅުމުގައި ވެއެވެ.

ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް ފަށާނީ މެދުވެރިންގެ ބެލުމުގެ ދަށުން އެއްބަސްވުމަށް އަމަލު ކުރަން ފަށާ ފުރަތަމަ ދުވަހުއެވެ.

ޤަޠަރާއި މިސްރު އަދި އެމެރިކާ މެދުވެރިގެން އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު ވެސް ދެ މަސް ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލިއެވެ. ނަމަވެސް ހަމާސްއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ މާޗް މަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ. އޭގެފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 57،268 މީހުން ޝަހީދުކޮށްލާފައިވާއިރު، 130،000އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް