ޔާމީނަށް ސައީދުގެ ރައްދު: ހަނިމާދޫ އެއާޕޯޓު ވިއްކާލަން ނުވަތަ ކުއްޔަށް ދޭކަށް ވެސް ނޫޅޭ

ޕީއެންސީ އުފެއްދުމުގެ ޖަލްސާގައި ޔާމީނާއި ސައީދު: ހަނިމާދޫ އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ޔާމީން ދެއްކެވި ވާހަކަ ސައީދު ވަނީ ދޮގުކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އުޅެނީ، އުތުރުގެ އެންމެ ބޮޑު އުންމީދު ކަމަށްވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ މިހާރު 88 ޕަސެންޓު މަސައްކަތް ނިމިފައިވާ ހަނިމާދޫ އެއާޕޯޓް، އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެ ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީއާ ސަރުކާރުން ބައްދަލުކުރި ކަމަށް އެނގިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކައަށް ރައްދު ދެއްވައި, ޔާމީންގެ ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ވިއްކާލަން ވެސް ކުއްޔަށް ދޭން ވެސް ނޫޅޭ ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނު ދޮގެއް،" އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ގުޖުރާތަށް ނިސްބަތްވާ އަދާނީ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އިންޑިއާގެ އިދިކޮޅު ލީޑަރު, ރާހޫލް ގާންދީ ވިދާޅުވާގޮތުގައި އަދާނީއަށް ހިމާޔަތް ދެނީ ސީދާ ބޮޑުވަޒީރު މޯދީއެވެ. މޯދީ އެހެން ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އަދަނީއަށް އެކިއެކި ޑީލްތައް ހޯދައި ދެއްވާ ކަމަށް ރާހުލް ތުހުމަތު ކުރައްވައެވެ.

މި މަހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި, ބޭރު ފްލައިޓްތަކުގެ ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުން މި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އެ ރަށު ރައްޔިތުން އުއްމީދުކުރެއެވެ.

comment ކޮމެންޓް