ފިޤުޙު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދަރަންޏަކީ އަނބުރާ ދިނުން، އެ ނެގިމީހާގެ މައްޗަށް ވާޖިބުވެފައި އޮންނަ އެއްޗެކެވެ. ދަރަންޏޭ ބުނުމުން ނުވަތަ ޢަރަބި ބަހުން "دَيْنٌ"އޭ ބުނުމުން ދޭހަވާ، ބަހަވީ މާނައާ އޭގެ އިޞްޠިލާޙީ މާނަ ނުވަތަ ޝަރުޢީ މާނައާ ގުޅުމުން އެނގެނީ، ދަރަނިވެރިޔާ އެއީ ޖަލެއްގައި ހައްޔަރުވެފައި ހުންނަ ޢަސީރެއް ފަދަ މީހެއް ކަމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ބަޔާންކޮށްދެއްވި ފަދައިންނެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «إنَّ صاحبَكُم مأسورٌ بدَينِه» (أبو داود: 3341) މާނައީ: "ތިޔަބައިމީހުންގެ އެކުވެރިޔާ މިވަނީ އޭނާގެ ދަރަނީގެ ސަބަބުން ބަނދެވި (ސުވަރުގެ ވަނުން) މަނާވެވިގެންނެވެ."
ދަރަނީގެ މައްސަލަ އިސްލާމްދީނުގައި ބަޔާންވެފައި އޮންނަނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. އެ ކަމާ ދުރުގައި ހުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްގެ ގޮތުގައެވެ. އަދި މުސްލިމުންނަށް އަމުރުވެވިގެން ވަނީ ދަރަންޏާ ދުރުގައި ތިބުމަށެވެ.
މާތް ﷲ ރުއްސުންލެއްވި މުއުމިނުންގެ މައިކަމަނާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ވަރަށް ގިނައިން އަންނަނިވި ދުޢާ ވިދާޅުވާ ކަމުގައި ވިއެވެ. "اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ" (އޭ ﷲ! ފާފަވެރިވުމުންނާއި ދަރަނިވެރިވުމުން މިއަޅާ އިބަ އިލާހުގެ ކިބައިން ރައްކާތެރިކަން އެދެމެވެ.) އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު ދަރަނިވެރިވުމުން ރައްކާތެރިވާން ދިޔަ ދުޢާކުރައްވަނީ ހާދަ ގިނައިންނެވެ. އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. "މީހަކު ދަރަނި ވެއްޖެއްޔާ، އޭނާ ވާހަކަދައްކާނީ ދޮގުހަދައިގެންނެވެ. އަދި ވަޢުދުވެ އެ ވަޢުދާ ޚިލާފުވާނެއެވެ." ] (رواه البخاري: 832) (ومسلم: 589) [
ދަރަނިން ރައްކާތެރިވާން، މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެވަރަށް ދުޢާކުރެއްވިކަން އެނގެނީ އަޅުގަނޑުމެންގެތެރެއިން ކިތައް މުސްލިމުންނަށްބާ؟ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ދަރަންޏެއްގައި ބަނދެވިފައި ނެތް މީހަކު މަދޭ ބުނުމަކީ ދޮގަކަށް ނުވާނެވެ. ދަރަނިވެރިވާން ތިބާއަށް ހިތްވަރު ލިބެނީ ކީއްވެބާ؟
ދަރަންޏެއް އޮއްވާ ސުވަރުގެއަށް ނުވެއްދޭނެކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ވަނީ މުޖާހިދެއްގެ ވާހަކައިން މިސާލު ޖައްސަވައިފައެވެ. މުޙައްމަދު އިބްނު ޢަބްދުﷲ އިބްނު ޖަޙްޝްގެ ކިބައިން އިމާމް ނަސާއީ ރިވާކުރައްވާފައިވެއެވެ. ތިމަންމެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ،ގެ އަރިހުގައި އިށީނދެގެން ތިބީމުއެވެ. އެހެން އިންނަވައިފައި އެކަލޭގެފާނު އިސްއުފުއްލަވައި އުޑާދިމާ މަތި ބައްލަވައިލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު ނިތްކުރިފުޅުގައި އަޅުއްވައިގެން އިންނަވާ ޙަދީޘްކުރެއްވިއެވެ. " سيحان الله! (ﷲ ހުސްޠާހިރުވަންތައެވެ.) ތިމަންކަލޭގެފާނުގެ މައްޗަށް އެ ބާވައިލެއްވުނީ ކޮންފަދަ ހަރުކަށި ޙުކުމްފުޅެއްތޯއެވެ!" ދެން ތިމަންމެން ވަރަށް ބިރުގަނެގެން ހިމޭނުން ތިބެއްޖައީމެވެ. އަނެއް ދުވަހުގެ ހެނދުނު ތިމަންނާ (އިބްނު ޖަޙްޝް) އެކަލޭގެފާނަށް ސުވާލުދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ، އިއްޔެ ބާވައިލެއްވުނު ހަރުކަށި ޙުކުމްފުޅަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. މީހަކު ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވެ، އަލުން އޭނާއަށް ފުރާނަ އަޅުއްވައި، އަނެއްކާ ޝަހީދުވެ އަލުން ފުރާނަ އަޅުއްވައި، އަލުން ޝަހީދުވެ އަލުން ފުރާނަ އަޅުއްވާ މީހާގެ ވެސް ދަރަންޏެއް ވާނަމަ، އޭނާއަށް ޓަކައި ގެ އެ ދަރަނި އަދާކޮށްދެވެންދެން އޭނާ ސުވަރުގެ ނުވެއްދޭ ހުއްޓެވެ." (حسنه الألباني، في صحيح النسائي: 4367)
މި ހުންނަނީ މުޅިން ވެސް ވަޢީދުގެ ބިރުވެރި ބަސްފުޅުތަކެވެ. އާޚިރަތުގެ އުފަލާއި އަރާމު އޮތް ސުވަރުގެއަށް ވަނުމުން މަޙުރޫމުވުން އެދޭނީ ކާކުތޯއެވެ؟ ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވީ މުޖާހިދު ވެސް ދަރަނީގެ ސަބަބުން ސުވަރުގެއަށް ވަނުމުން މަޙުރޫމުވާ ނަމަ އަޅުގަނޑުމެންގެ ހާލަކީ ކޮބައިބާއެވެ؟ މިއަދު ދަރަނި ނެގުމަކީ އަޅުގަޑުމެންގެ ތެރޭ ޒަމާނީ ފެޝަނަކަށް ވެފައި އޮތް ކަމެކޭ ބުނުމީ އެންމެ ރަނގަޅު ބުނުމެކެވެ. އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީއިން ފުއްދައިގެން އުޅެން އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް ދަސްނުވިއެވެ.
ހޯދަންބޭނުންވާ ތަކެއްޗާއި ލިބެން ބޭނުންވާ ޚިދުމަތުގެ އަގު އަބަދުވެސް މި އޮންނަނީ ތިމާމެންގެ އާމްދަނީއަށް ވުރެ އިތުރުވެފައެވެ. މައްސަލައަކީ ކޮބައިކަމެއް ނޭނގެއެވެ. ސުވާލަކީ އަތުގައި ނެތް މިންވަރުން ޚަރަދުކުރަން ވިސްނަންވާނެބާއެވެ؟ މި ސުވާލުގެ ޖަވާބު ކޮންމެ ކިޔުންތެރިއެއް ވެސް އޭނާގެ އަމިއްލަ ނަފުސަށް ދެއްވާށެވެ! އަޅުގަނޑު މި ދަންނަވަނީ ޝާޢިރު ވިދާޅުވި ބައިތެކެވެ.
ލިބޭ މިންވަރު ނިކަން ދަނެގެން ވި ބޭނުންތައް ބަހައިލައިގެން
ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސްވާނޭ!