މާތް ﷲ ޚަލްޤުކުރެއްވި މަޚްލޫޤުންގެ ތެރެއިން އިންސާނުން އެ ނޫން އެހެން ހުރިހާ މަޚްލޫޤުންނާ ތަފާތުވާ ކަމަކީ އެބައިމީހުންނަށް ދެއްވައިފައިވާ ބުއްދިއެވެ. ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ނުކުރަންޏާ ޖަނަވާރުންނާ އެ މީހުންނާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ބުއްދީގެ ބޭނުންކޮށް ކަންކަމާ މެދު ވިސްނުމަށް ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އިރުޝާދުތައް އައިސްފައި ވެއެވެ. އަދި ވިސްނާ ފިކުރުކޮށް ހަދާ ބަޔަކީ ބުއްދީގެ އަހުލުވެރިން ކަމުގައި އަންގަވައިފައި ވެއެވެ. ބަޤަރާ ސޫރަތުގެ 269ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ وَمَا يَذَّكَّرُ إِلاَّ أُوْلُوا الأَلْبَابِ﴾ (البقرة: 269) މާނައީ: "ބުއްދީގެ އަހުލުވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދައެވެ."
ބުއްދީގެ އަހުލުވެރިން އޭނާގެ ވަށައިގެން ހިނގާ ކަންކަމާމެދު ވިސްނާ ފިކުރު ހިންގައެވެ. ރޭދުވާ ދައުރުވުމާއި އުޑާއި ބިމާއި އޭގައިވާ ތަކެއްޗަށް ޚިޔާލުކޮށް ހަދައެވެ. މި ކަންކަމުގައި އެބައިމީހުންނަށް ހެކިތަކެއް ވާ ކަމުގައި ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ. ﴿إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآياتٍ ِلأَولِي الأَلْبَابِ ﴾ (آل عمران: 190) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއް ވެއެވެ."
ބުއްދީގެ އަހުލުވެރިން މި ކަންކަމާއި މެދު ވިސްނާ ގޮތާއި އެ ކަމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ތަޤުވާވެރިކަން އިތުރުވާ ގޮތާއި، އޭގެފަހުން އެ މީހުން ﷲގެ އަޒާބުން ސަލާމަތްވުމަށް އެދި ދުޢާކުރާ ވާހަކަ ވެސް މި އާޔަތަށްހަފު ވަޙީކުރެއްވި އާޔަތުގައި ބަޔާންކުރައްވާ އެނގެވިއެވެ. ﴿الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ (آل عمران: 191) މާނައީ: "އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި ތަކެތި ހައްދަވައިފައި ވަނީ، ބާޠިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ!"
މުޅި ޤުރުއާން ބާވައިލެއްވިފައި ވަނީ އޭގެ މައްޗަށް ތަދައްބުރުކޮށް ވިސްނައި ފިކުރުކުރުމަށެވެ. އެއީ އެއްކައުވަންތަ އިލާހެއްގެ ޙަޟްރަތުން ބާވައިލެއްވުނު ޙައްޤު ފޮތް ކަމުގައި މީސްތަކުންނަށް ބަޔާން ވަނީ އެ ފޮތާމެދު ފިކުރު ހިންގީމައެވެ. އެއްކައުވަންތަ އިލާހެއްގެ ފަރާތުން އައި ފޮތެއް ނޫން ނަމަ އޭގައި ފުށުއެރުންތަކާއި އިޚްތިލާފުތައް ހުންނާނެކަން ޚުދު އެ ފޮތުގައި ބަޔާންކުރައްވައިފައި ވެއެވެ. ﴿أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلاَفًا كَثِيرًا ﴾ (النساء: 82) މާނައީ: "ފަހެ، ޤުރުއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރުއާނަކީ، ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައި ވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."
އިސްލާމްދީނަކީ ޙައްޤު ތެދު ދީނެވެ. އަދި އެ ދީނުގެ މާތް ނަބިއްޔާއަކީ ޙައްޤު ނަބީއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ބާވައިލެވިފައި އޮތް ފޮތް، ކީރިތި ޤުރުއާނަކީ ވެސް ޙައްޤު ފޮތެވެ. އެހެނަސް ގިނަ މީހުންނަށް އެ ކަމެއް ނޭގެއެވެ. މި ކަން ވެސް އިނގި ފަހުމުވަނީ ބުއްދީގެ އަހުލުވެރިންނަށެވެ. ﴿أَفَمَنْ يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِنْ رَبِّكَ الْحَقُّ كَمَنْ هُوَ أَعْمَى إِنَّمَا يَتَذَكَّرُ أُوْلُوا الأَلْبَابِ﴾ (الرعد: 19) މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވީ، ޙައްޤު ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއް ކަމުގައި ވާނޭހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ."
ބުއްދީގެ ބޭނުންކުރާ ބަޔަކު ކަމުގައި ވުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސު ހިމަނައިގެން، މި ލިޔުން ކިޔާ އެންމެނަށް އަޅުގަނޑު ވަޞިއްޔަތްކުރަމެވެ. ޙައްޤު މަގު ފެންނާނެ ބަޔަކީ ބުއްދިވެރިންނެވެ. ބުއްދިކުރެވޭނީ މީހާ ހުސްވެ ހަލަބޮލި މާހައުލުތަކާ ދުރުގައި ހިނދުކޮޅަކު މަޑުކޮށްލައިގެންނެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް ބުއްދީގެ އަހުލުވެރިންކަމުގައި ލެއެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ!