'ޑޮން 3'އިން ކިއާރާއާއި ޕްރިޔަންކާ ފެންނާނެ

ބަތަލާ ކިއާރާ އަދުވާނީއާއި ޕްރިޔަންކާ ޗޯޕްރާ -- ފޮޓޯ/ އެންޑީޓީވީ

މީގެ ދެ އަހަރު ކުރިން އިއުލާނުކުރި ފަރުހާން އަހްތަރުގެ ފިލްމު "ޑޮން 3"ގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހު ފަށަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ "ޑޮން 3"ގެ ބަތަލާގެ ރޯލަށް ކިއާރާ އަދުވާން ސޮއިކުރުމަށް ފަހު އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ކިއާރާ ވަނީ ފިލްމު ދޫކޮށްލާފައެވެ. ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާގޮތުން އަންނަ އަހަރު ފިލްމުގެ މަސައްކަތް ފަށަން ލަސްކޮށްފައިވާތީ ކިއާރާ ވަނީ "ޑޮން 3"ގެ ކާސްޓާ ގުޅެން ނިންމާފައެވެ.

މި ފްރެންޗައިސްގެ ކުރީގެ ދެބައިން ވެސް ފެނުނު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ތިންވަނަ ފިލްމުން ވެސް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ޑޮން"ގެ ފަހުގެ ދެ ފިލްމަކީ ވެސް އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލުން ފެނުނު ދެ ފިލްމެވެ.

"ޑޮން 3"ގެ ލީޑް ރޯލް ކުޅޭ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/މިޑް-ޑޭ

ނަމަވެސް، ތިންވަނަ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހި ޝާހު ވަނީ އެ ފިލްމު ދޫކޮށްލާފައެވެ. އެއަށް ފަހު ޝާހުގެ ބަދަލުގައި ފިލްމުގެ ލީޑް ރޯލަށް ރަންވީރު ސިންގް ނެގިކަން އިއުލާނުކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ފަރުހާނަށާއި ރަންވީރަށް ވެސް ރައްދުވިއެވެ.

މި ފިލްމުގައި ރަންވީރު ފެންނަ ކެރެކްޓާއަށް އަމިއްލަ ނަފުސު ތައްޔާރުކުރުމުގެ ގޮތުންނާއި ފިލްމުގައި ދައްކަން ހަމަޖެހިފައިވާ މާޝަލް އާޓްސް ސްޓަންޓްތަކަށް ތައްޔާރުވުމަށް ރަންވީރު ވަގުތު ބޭނުންވާ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.

މި އަހަރުތެރޭ ފިލްމު "ޑޮން 3"ގެ މަސައްކަތް ފަރުހާން ރޭވި ނަމަވެސް އެކި ސަބަބުތަކާ ހެދި ފަރުހާން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "120 ބަހާދުރު"ގެ މަސައްކަތް ފަށަން ނިންމާފައެވެ. މި އަހަރުގެ ނޮވެންބަރު މަހުގެ 21ގައި ރިލީޒްކުރާ މި ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު ފަރުހާން އެންމެ ބޮޑު އިސްކަމެއްދޭނީ "ޑޮން 3"ގެ މަސައްކަތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެއާއެކު މި ފިލްމުން ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފެންނާނެކަމަށް ރިޕޯޓުތައް ބުނެފައިވާއިރު މިއީ ޝާހު ފިލްމުން ނުފެންނާނެތީ މާޔޫސްވެފައި ތިބި ގިނަ ބަޔަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. ރަންވީރު ސިންގާ އެކު ކުރިން ދެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު ވިކްރާންތު މަސޭ "ޑޮން 3"ގެ ވިލެންގެ ރޯލްއިން ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް