ބޮލީވުޑްގެ 2000ގެ ކުރީކޮޅު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ މަގުބޫލު ބަތަލާ ސަމީރާ ރެޑީ އަލުން އެކްޓިން އަށް އެނބުރި އަންނަން އުޅޭކަން އިއުލާނުކޮށްފިއެވެ.
އުމުރުން 46 އަހަރުގެ ސަމީރާ އެންމެ ފަހުން ފިލްމަކުން ފެނިގެން ގޮސްފައިވަނީ މީގެ 12 އަހަރު ކުރީން 2013 ވަނަ އަހަރުގައެވެ. އޭނާ އެ އަހަރު ފެނިގެން ގޮސްފައިވަނީ ކަންނާޑާގެ ފިލްމެއް ކަމަށްވާ "ވަރަޔާދަނަކާ" އިންނެވެ.
https://www.instagram.com/p/DLzhQ3Vo7LE/?utm_source=ig_embed&utm_campaign=embed_video_watch_again
ސަމީރާ އެކްޓިން އަށް އެނބުރި އަންނަން އުޅޭކަން އިއުލާނުކޮށްފައިވާ ފިލްމެއްގެ ޓީޒަރަކާއެކުގައެވެ. ތުރިލާއެއްގެ ޓީޒަރެއް އާންމުކޮށްފައިވާއިރު މިފިލްމުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގެ މައުލޫމާތެއް އާންމުކޮށްފައިވާއިރު ފިލްމުގެ ފުރިހަމަ ޓްރެއިލަރެއް މާދަމާ އިއުލާނު ކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ.
މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ގަގަން ޕޫރީއެވެ. މި ޕްރޮޖެކްޓަކީ ވަރަށް ތަފާތު ޕްރޮޖެކްޓަކަށް ވާނެ ކަމަށް ސަމީރާ ހާމަކޮށްފައިވެއެވެ. އަދި އަލުން ކެމެރާގެ ކުރިމައްޗަށް އައިސް އާންމުންނާ ބައްދަލުކޮށްލަން ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމުގައި ވެސް އޭނާ ހާމަކޮށްފައިވެއެވެ.
މި ޕްރޮޖެކްޓަށް އާންމުންގެ ފަރާތުން ވަރަށް ލޯބި ބޭނުންވާނެ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.
ސަމީރާ ބޮލީވުޑްގައި މަސައްކަތްކުރިއިރު އޭނާ އިންޑަސްޓްރީގެ ބޮޑެތި ފަންނާނުންނާއެކު މަސައްކަތް ކޮށްފައިވެއެވެ. އޭގެތެރޭގައި އަޖޭ ދޭވްގަން އާއި ސަލްމާން ހާން އާއި ޖޯން އަބްރަހަމް އަދި ސަންޖޭ ދަތު ފަދަ އެކްޓަރުން ހިމެނެއެވެ.
އޭނާ ފެނިގެން ގޮސްފައިވާ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި "މުސާފިރު" އާއި "ރޭސް" އަދި "ދޭ ދަނާ ދަން" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާ ފިލްމު އިންޑަސްޓްރީއަށް ނުކުތީ 2002 ވަނަ އަހަރުގައެވެ.