އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތައް ޓްރާންސްޕޯޓު މިނިސްޓްރީގެ ހުއްދައެއް ނަގައިގެން ނޫނީ ރާއްޖެ އެތެރެނުކުރެވޭ ގޮތަށް ބަދަލުކޮށްފިއެވެ.
އެގޮތަށް ބަދަލު ގެނެސްފައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ރަޖިސްޓްރީކުރުމުގެ ގަވައިދަށް މިނިސްޓްރީން ގެނައި ހަވަނަ އިސްލާހުގެ ދަށުންނެވެ.
ދެ ފުރޮޅުލީ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި، އެ ޚިދުމަތަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންވެ، އަންނަ އާދިއްތަ ދުވަހުގެ ފަހުން ރާއްޖެއަށް އެތެރެކުރާ ދެ ފުރޮޅުލީ އެއްގަމު އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ އޮންނަން ޖެހޭނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ، ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ކުރިން, ގަރާޖު ސިޓީ ދައްކަން ޖެހޭ ގޮތަށް, އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު ބަދަލުކޮށްފައެވެ.
މާލެ ސަރަހައްދުގައި އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ ޝަކުވާތައް ބޮޑުވެފައިވުމުން، އެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި މާލޭ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކޮށްގެން ދިރާސާއެއް ހެދިއެވެ.
އެ ދިރާސާއިން ދެއްކި ގޮތުގައި މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413ގައެވެ. އެކަމަކު މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ.
ދިރާސާގައި ލަފާދީފައި އޮތީ ސައިކަލުގެ އަދަދު 76،518އަށް، އަދި ކާރުގެ އަދަދު 5،610އަށް މަދުކުރުމަށެވެ.