ރާއްޖޭގައި ޑިމެންޝިއާ އާންމު މިންވަރު ބެލުމަށް އެމްއެންޔޫއިން ދިރާސާއެއް ހަދަނީ

ދެ މީހަކު މަގުމަތީގައި: ރާއްޖޭގައި ޑިމެންޝިއާ އާންމު މިންވަރު ބެލުމަށް އެމްއެންޔޫއިން ދިރާސާއެއް ހަދަން ވަނީ ތައްޔާރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން ދުވަސްވާ ވަރަކަށް ހާލަތު ގޯސްވެ، އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރުވާ ޑިމެންޝިއާ ރާއްޖޭގައި އާންމު މިންވަރު ބެލުމަށް ދިރާސާއެއް ހަދަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ތައްޔާރުވެއްޖެއެވެ.

އެމްއެންޔޫއިން ބުނީ، ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުން އަންނައިރު، އުމުރުން ދުވަސްވުމާ ގުޅުންހުރި ބަލިތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކޮށް ފަރުވާ ހަރުދަނާ ކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯއިން 2018 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ގައުމުގެ އާބާދީގެ ހަތަރު ޕަސެންޓް ހިއްސާކުރަނީ 65 އަހަރުން މަތީގެ މީހުން ކަމަށްވާއިރު، 2030 އަންނަންވާއިރަށް އެ އަދަދު ހަތް ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އެ ނަންބަރުތަކަށް ބަލައި، އެމްއެންޔޫއިން ނިންމައިފައިވަނީ ރާއްޖޭގައި ޑިމެންޝިއާ ހުންނަ މީހުންގެ އަދަދާއި ހާލަތު ދެނެގަތުމަށް މާލޭ ސަރަހައްދުގައި ދިރާސާއެއް ކުރިއަށްގެންދިޔުމަށެވެ. އެ ދިރާސާ ޚާއްސަކޮށްފައިވަނީ 55 އަހަރާއި އެއަށްވުރެ ދޮށީ މީހުންނަށް ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެ ދިރާސާގައި، ޑިމެންޝިއާއާއި ކޮގްނިޓިވް ނުވަތަ ކަންކަން ދެނެގަނެ، ހަނދާނުގައި ބަހައްޓައި، ދަސްކުރުމުގެ ގާބިލުކަން އެ މީހެއްގެ ހުންނަ މިންވަރު ބަލާނެއެވެ. އަދި ޑިމެންޝިއާ ބަލި ޖެހުމަށް މަގުފަހިކުރާ ސަބަބުތައް ދެނެގަންނާނެއެވެ. މިސާލަކަށް އާއިލާގައި އެ ބަލި ހުންނަ އެހެން މީހަކު ހުރިތޯއާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ތައުލީމު ލިބިފައިވާ މިންވަރާއި އެހެނިހެން ބަލިތައް ހުރިތޯ ބަލާނެއެވެ.

މީގެ އިތުރުން އެ ބަލި ޖެހުމުގައި ޖެނެޓިކްސް އަދާ ކުރާ ރޯލަށް ވެސް ދިރާސާގައި އަލިއަޅުވައިލާނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: އެ ޔުނިވާސިޓީން ކުރިއަށްގެންދާ ދިރާސާގައި ޑިމެންޝިއާ އާންމު މިންވަރު ދެނެގަންނާނެ -- ސަން ފޮޓޯ- އިބްރާހިމް އިފާޒް

އެމްއެންޔޫއިން ބުނީ އެ ދިރާސާއަށް މީހުން ހޮވާނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންގެ ލިސްޓަކުން ކަމަށެވެ. އެގޮތުން އެ މީހުންނަށް ދިރާސާގައި ބައިވެރިވުމަށް ފުރުސަތު ދޭނެ ކަމަށާއި އެ ދިރާސާގައި:

  • ކަމާ ގުޅުންހުރި ސިއްހީ މާހިރުން ކުރިއަށްގެންދާ އިންޓަވިއުތައް ބާއްވާނެ
  • ހަނދާން ހުންނަ މިންވަރު ބެލުން ހިމެނޭ ގޮތަށް ކޮގްނިޓިވް އެސެސްމެންޓްތައް ހަދާނެ
  • މެޑިކަލް ހިސްޓްރީ އާއި އާންމު ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަންނާނެ
  • ލެބް ޓެސްޓުތަކާއި ޖީނޯޓައިޕް ޓެސްޓުތައް ހަދާނެ

އެމްއެންޔޫން ވަނީ އެ ދިރާސާގައި ބައިވެރިވުމަކީ އެ މީހެއްގެ އަމިއްލަ އިޚުތިޔާރުގައި އޮތް ކަމެއްކަން ފާހަގަކޮށް، ދިރާސާއިން ވަކިވާން ބޭނުންވާނަމަ ކޮންމެ ވަގުތަކު ވެސް އެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ.

އެ ދިރާސާ ކުރިއަށްގެންދާނީ އަންނަ ހޮނިހިރު ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އޭގެ ތެރެއިން އެސެސްމެންޓްތަކުގެ ނަތީޖާ ދުވަހުން ދުވަހަށް ލިބޭއިރު، ލެބް ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ ޖެހިގެން އަންނަ ދުވަހު އައިޖީއެމްއެޗާއި ޝީ ބިލްޑިންގުން ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

އެ ޔުނިވާސިޓީން ބުނީ އެ ދިރާސާއަށް އައިޖީއެމްއެޗްގެ ނެޝަނަލް ހެލްތު އެކެޑަމީ (އެންއެޗްއޭ)އާއި އެމްއެންޔޫގެ އެތިކްސް ކޮމިޓީއާއި ހެލްތު މިނިސްޓްރީގެ ނެޝަނަލް ހެލްތު ރިސާޗް ކައުންސިލުން ހުއްދަ ލިބިފައިވާ ކަމަށެވެ.

އެމްއެންޔޫއިން ވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހެއް ނަމަ ދިރާސާގައި ބައިވެރިވުމަށް އެދިފައެވެ. އެ ދިރާސާއާ ގުޅޭ އިތުރު މައުލޫމާތު އަލްޒައިމާސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ނަންބަރު 7375569އިން ލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެމްއެންޔޫއިން ވަނީ ޑިމެންޝިއާއަށް ދާއިމީ ފަރުވާއެއް ނެތް ނަމަވެސް، އަލާމާތްތައް މަދު ކުރުމަށް ފަރުވާ ދެވޭނެކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ބަލީގެ ހާލަތު ގޯސްވުމުގެ ކުރިން ބަލި ހުންނަކަން ދެނެގަނެވިއްޖެ ނަމަ، ފަރުވާ އަވަސް ކުރެވި، މުސްތަގުބަލަށް ތައްޔާރުކުރެވޭނެކަން އެ ޔުނިވާސިޓީން ފާހަގަކުރެއެވެ.

ތަޖުރިބާކާރު ޑޮކްޓަރު، ޑރ. އަބްދުލް އަޒީޒް ހަމީދުގެ ސިއްހަތު ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން، ޑިމެންޝިއާއަކީ ހަނދާނާއި ވިސްނުމާއި ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރާ ކަންތައްތައް ކުރުމުގެ ގާބިލްކަމަށް ނޫނީ ގާބިލިއްޔަތަށް އަސަރުކުރުވާ ބަލިތަކަކަށް ކިޔާ ނަމެކެވެ.

ޑިމެންޝިއާ ކުުރިމަތިވަނީ، ސިކުނޑީގެ ސެލްތަކަށް ގެއްލުންދޭ ތަފާތު ބަލިތަކުން ކަމަށްވާއިރު، އެއީ އުމުރުން ދުވަސްވާ ވަރަކަށް ގޯސްވަމުންދާނެ މައްސަލައެކެވެ. ޑިމެންޝިއާގެ އާންމު ވައްތަރުތަކުގެ ތެރޭގައި އަލްޒައިމާ ޑިޒީސްއާއި ވެސްކިޔުލާ ޑިމެންޝިއާއާއި ލެވީ ބޮޑީ ޑިމެންޝިއާއާއި ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާއާއި މިކްސްޑް ޑިމެންޝިއާ ހިމެނެއެވެ.

ޑިމެންޝިއާގެ ފުރަތަމަކޮޅު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:

  • އެއްޗެހި ހަދާން ނުހުރުން، މިފަހުން ވީ ކަންކަން ވެސް ހަދާންނުހުރުން
  • އެއްޗެހި ބެހެއްޓުނު ތަނެއް ނޭނގުން ނޫނީ ހަދާން ނުހުރުން
  • ހިނގާލަން ނުކުމެ އުޅޭއިރު ނޫނީ ދުއްވާލަން ނިކުމެ އުޅެނިކޮށް މަގުއޮޅި ގެއްލުން
  • އާންމުކޮށް ދެކެ ފަރިތަ ތަންތަން ވެސް ނޭނގި އޮޅުން
  • ވަގުތު ދެނެގަންނަށް ނޭނގުން

މީގެ އިތުރުން ނަފުސާނީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކުގެ ތެރޭގައި ޝަޚްސިއްޔަތާއި މިޒާޖަށް ބަދަލުއައުމާއި މާޔޫސްވެ މޮޅިވެރިވެ ދެރަވުމާއި ހާސްވެ ކަންބޮޑުވެ ނުތަނަވަސްވުން ހިމެނޭ ކަމަށް ޑރ. އަޒީޒް ލިޔުއްވާފައިވެއެވެ.

comment ކޮމެންޓް