އެލްޖީއޭއިން ހަދާ، ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފި

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު: އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފިއެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް ކުރިމަގުގައި އާންމުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އެލްޖީއޭގެ ނިންމުން ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށާއި، ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމަށް މަގުފަހިކޮށްދީ، ގުޑް ގަވަންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދިނުމަށް ޓަކައި ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭއިން ކައުންސިލްތަކުގެ އިންކުއަރީ ހަދަނީ، ކައުންސިލަކާ ގުޅިގެން އެ އޮތޯރިޓީއަށް ހުށަހަޅާ ކަންކަމާމެދު، އޮތޯރިޓީގެ ބޯޑުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހުގައެވެ. މި ފަދަ މައްސަލައެއްގައި ކައުންސިލަކާމެދު ފިޔަވަޅު އަޅާނީ އިންކުއަރީއަށް ރިއާޔަތްކޮށްގެންނެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިންކުއަރީ ރިޕޯޓު އާންމުކުރަނީ ދެ ސަބަބަކަށް ޓަކައި ކަމަށެވެ. އެއީ އެލްޖީއޭއިން އިންކުއަރީ ހެދުމުގައި އިތުރަށް ސަމާލުވުމަށާއި ކައުންސިލްތައް ޒިންމާދާރުކޮށް، ޖަވާބުދާރީވުމަށް ބާރު އެޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޕޯޓުތައް ހާމަކުރުމުން ކައުންސިލްތަކާ ދޭތެރޭ ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި ގޮތަށް އަޅުގަނޑުމެން ރިޕޯޓުތައް އާންމުކުރަން ފެށީމަ އަދި އިތުރަށް މުޅި ލާމަރުކަޒީ ނިޒާމަށް އިތުރު ހަރުދަނާ ކަމެއް ލިބިގެންދާނެ ކަމަށް. އަދި ޝައްކުތަކާއި ވަހުމްތައް ކުޑަވެގެންދާނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެލްޖީއޭއިން މި ފަހުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީއެއް ހަދައި، އެ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑު ވެސް ކޮށްފައެވެ. ސައުދު ތިން މަހަށް ސަސްޕެންޑުކުރިއިރު، ނަސްރުﷲ ސަސްޕެންޑުކުރީ މަސްދުވަހަށެވެ.

އެ ދެ ބޭފުޅުން ސަސްޕެންޑުކުރި މައްސަލަ މިހާރުވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ.

https://sun.mv/208253

މި ކަމާ ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ، މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އެއީ ކޯޓު މަރުހަލާގެ ތެރެއިން މައްސަލަ ނިމުމުން، އެ ކަމާ ދޭތެރޭގައި އޮންނަ އިތުބާރު ބޮޑުވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އޭގެ ބަދަލުގައި ސަރުކާރުން ހިތްވަރުދެނީ މައުލޫމާތު ހާމަކުރުމަށް ކަމަށެވެ.

comment ކޮމެންޓް