މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސްއިން ގެނެސްދިން މަގުބޫލު ޓެލެ ޑްރާމާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަންގެ ޕްރޮމޯއާ އެކު ޝޯގެ އެންމެ މަގުބޫލު ކެރެކްޓަރު ތުލްސީ، 25 އަހަރަށް ފަހު ޓީޒަރުން ދައްކާލައިފިއެވެ.
"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއްވި ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ސްޓާ ޕްލަސްއާއި ސިލްސިލާ ޕްރޮޑިއުސްކުރާ އެކްތާ ކަޕޫރްގެ ބާލާޖީން ރަސްމީކޮށް އެއްވެސް އެއްޗެއް މީގެކުރީން ނުބުނެއެވެ.
ނަމަވެސް، ދާދި ފަހުން އާންމުކޮށްފައިވާ ޓީޒަރަކުން ޝޯއާ ގުޅޭ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި މީގެ 25 އަހަރު ކުރީން ދެއްކި މި ޝޯގެ މައިގަނޑު އެޕިސޯޑުތައް ބިނާވެފައިވާ ގޯތިތެރެ ވެސް ޓްރެއިލަރުން ދައްކައެވެ. އަދި، ޓީޒަރުން ދެން ފެންނަނީ ތުލްސީގެ ރޯލުން ފެންނަ ސްމްރިތީ އިރާނީ އަލުން ސްކްރީނަށް އެނބުރި އަންނާނެ ކަމުގެ ވާހައެކެވެ.
މި ޝޯ މީގެ ކުރީން ޕްރިމިއާ ކުރުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަންގާރަވީ ޖުލައި މަހުގެ ތިންވަނަ ދުވަހެވެ. އެއީ، މި ޝޯގެ އޮރިޖިނަލް ސީޒަންގެ ފުރަތަމަ އެޕިސޯޑު ވެސް ޕްރިމިއާ ކުރި ދުވަހެވެ. އެހެންނަމަވެސް، ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ޝޯގެ ޕްރިމިއާ ކުރުން ލަސްކޮށްލިއެވެ. މިހާރު ޝޯ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ. އަދި ޝޯ ދައްކާނީ އިންޑިއާ ގަޑީން ރޭގަނޑު 1030ގައެވެ.
މީގެ ކުރީން މި ޝޯ ނެޓްފްލިކްސްއިން ދެއްކުމަށް ވާހަކަތަކެއް ދެކެވުނެވެ. އެހެންނަމަވެސް، މިހާރު ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ސްޓާޕްލަސްއާއި ޖިއޯ ހޮޓްސްޓާއިންނެވެ.
"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އަކީ 8 އަހަރަށް ގެނެސްދިން އަދި ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ. ޖުލައި 3، 2000 އިން ފެށިގެން ނޮވެންބަރު 6، 2008 އާ ހަމައަށް އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެއެވެ.