ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ދޭން ދިވެހި ކުންފުންޏަކަށް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް ދެވޭ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތްތަކެއް އެއް ޕޯޓަލްއަކުން ދިނުމަށް، އެ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ، މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލެއްގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަމީން މިއަދު "ސަން"އަށް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މިނިސްޓްރީގައި ރަނގަޅަށް ހިނގާ އައިޓީ ޑިޕާޓެމެންޓެއް ނެތް ކަމަށާއި އެ ޑިޕާޓްމެންޓް މެދުވެރިކޮށް އައު ޕޯޓަލްގެ މަސައްކަތް ކުރެވެން ނެތުމުން އެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި މިނިސްޓްރީން ހިންގަމުން އައި ޕޯޓަލް އޮތީ ވަރަށް ގިނަ ބަޔަކަށް ވަދެވޭ ގޮތަށް، ރައްކާތެރިކަމެއް ނެތި ކަމަށެވެ.

"އެހެންވެގެން އެހާ ބޮޑެތި ވަގު މައްސަލަތައް ހިިނގަމުން އެދަނީ، މިހާރު އެހެރީ ހުރިހާ ޕެޗުތަކެއް އަޅައި އެއްވެސް ބޭރު ފަރާތަކަށް ނުވަދެވޭނެ ގޮތް ހަދާފައި. ދެން މައުލޫމާތު ރައްކާތެރިކުރަން އަޅުގަނޑުމެން ފުލް ބެކަޕާ އެއްޗެހި ހުންނާނެ އަބަދުވެސް ޕޮލިހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި،" އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީން މިހާރު ޚިދުމަތްތައް ދިނުމަށް އެކި ޕޯޓަލްތައް ހިންގާ ކަމަށާއި، އަމާޒަކީ ހުރިހާ ޚިދުމަތެއް ވެސް އެއް ޕޯޓަލްއަކުން ދީގެން މަސައްކަތް ފަސޭހަކުރުން ކަމަށެވެ. އަދި އުއްމީދަކީ އެ މަސައްކަތް ހަ މަސް ތެރޭގައި ނިންމުން ކަމަށް އަމީން ވިދާޅުވިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏެއް މިނިސްޓަރު ވިދާޅުނުވި ނަމަވެސް "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏަކާއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ހިންގި ހަރަކާތްތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށްފައިވާކަން އިއުލާންކުރީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ހަތަރު ދުވަހަށް ވެފައިވަނިކޮށް، ނޮވެންބަރު 12، 2023ގައެވެ.

މި ސަރުކާރުން ވެސް ވަނީ، ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0" އިފްތިތާހުކޮށްފައެވެ. އެ ތަޞައްވުރުގެ ތެރެއިން އެކި އިދާރާތަކުން އަންނަނީ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

https://sun.mv/200734

ކުރީ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ދޫކުރުމުގައި، އޮންލައިން ނިޒާމުގެ ބެކްއެންޑުން ގޯސްތައް ހަދައި، ފޭކު ޑޮމެއިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިއެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ކުރީ ސަރުކާރުން ޑޮމެއިން ދޫކުރުން ހުއްޓުވައިފައި ވަނިކޮށް، މި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ޑޮމެއިން ސެޓްފިކެޓުތައް ދޫކުރަން ފަށައިފައެވެ.

comment ކޮމެންޓް