"ޑިޖިޓަލް މޯލްޑިވްސް" ބިނާކުރުމަށް އިންވެސްޓަރުންނަށް އެހީވުމަށް އުރީދޫ ތައްޔާރު: ސީއީއޯ

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އިންވެސްޓަރުންނަށް އެހީވުމަށް އުރީދޫ ތައްޔާރުކަމަށް އުރީދޫގެ ސީއީއޯ ޚާދިދު ވަނީ ވިދާޅުވެފައި --

ޑިޖިޓަލް ދާއިރާއިން ރާއްޖެ ބިނާކުރުމަށް ބޭނުންވާ ކަނެކްޓިވިޓީ ފޯރުކޮށްދީ، އިންވެސްޓަރުންނަށް އެހީވުމަށް އުރީދޫ އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ބިޒްނަސް ފޯރަމް 2025ގައި "ފްރޮމް ފައުންޑޭޝަން ޓު ފިއުޗާ: އެކްސްޕްލޯރިން އިންވެސްޓްމަންޓް ޕާޓްނާޝިޕް"ގެ ނަމުގައި ބޭއްވި ޕެނަލްއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕެނަލްގައި ދެމެހެއްޓެނިވި އިގްތިޞާދީ ކުރިއެރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި އެކި ދާއިރާތަކުން އީޖާދީ ކަންކަމަށް ބާރުއެޅުމަށް ހަ ސަބްމެރިން ކޭބަލް ސިސްޓަމް ބޭނުންކުރާނެ ގޮތް ފަދަ ކަންކަމަށް ވާހަކަ ދެއްކިއެވެ.

މި ޕެނަލްގައި ވާހަކަ ދައްކަވަމުން ޚާލިދު ވިދާޅުވީ، ކަނެކްޓިވިޓީއަކީ އިންވެސްޓްމަންޓަށް ބާރުދޭ ވަރަށް ބޮޑު ވަސީލަތެއް ކަމަށެވެ.

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އިންވެސްޓަރުންނަށް އެހީވުމަށް އުރީދޫ ތައްޔާރުކަމަށް އުރީދޫގެ ސީއީއޯ ޚާދިދު ވަނީ ވިދާޅުވެފައި --

"ރާއްޖެއަކީ ހަރުދަނާ މިނިވަން ޓެކްނޮލޮޖީގެ އިންޕްރާންސްޓްރަކްޗާއެއް އެކުލެވިގެންވާ ގައުމެއް. ބައިނަލްއަގްވާމީ ހަ ސަބްމެރިން ކޭބަލް މުޅި ދުނިޔެއާ ގުލާލެވިފައި ވާއިރު، އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ޑިޒާސްޓާ ރިކަވަރީ ފެސިލިޓީތަކާއެކު، ޒަމާނީ ވިޔަފާރިތަކުން ޑިމާންޑްކުރާ ރިލައިބިލިޓީ އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޚާލިދު ވިދާޅުވީ އުރީދޫގެ ގްލޯބަލް ޕާޓްނާޝިޕްތައް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ އޭއައި އާއި ޖީޕީޔޫއަށް ތައްޔާރުވެފައިވާ އިންފްރާންސްޓްރަކްޗާއެއް ރާއްޖޭގައި ގާއިމްކޮށްދިނުމަށް އެ ކުންފުނި ތައްޔާރު ކަމަށެވެ.

މި ފެނަލްގައި ޚާލިދުގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ވިލާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ފަދަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

މި ޕެނަލް ބޭއްވީ ރާއްޖެއާ ސިންގަޕޫރާ ދެމެދު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ފާހަގަކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ފޯރަމެއްގެ ތެރެއިންނެވެ.

މި ފޯރަމްގެ މަގުސަދަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިޞާދުގެ ތެރެއިން ގުޅުން ބަދަހިކުުރުމަށް އައު ފުރުސަތުތައް ހޯދުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް