އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް ފުލުހުން ކިޔައިދީފި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކަށް ހޭލުންތެރިކުރުމަށް ބޭއްވި ސެޝަން: އެ ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި ޚާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާ ގުޅޭ މައުލޫމާތު ދީފައިވޭ -- ފޮޓޯ/ ފުލުހުން

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކޮށް, ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން މާލޭގައި ބާއްވައިފިއެވެ.

ފުލުހުން ބުނީ، އެ ސެޝަން ބާއްވައިފައިވަނީ ހެންވޭރު ޕޮލިސް ނެއިބަހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން، އިއްޔެ އިސްރަށްވެހިންގެ ނާދީގައި ކަމަށެވެ.

އެ ސެޝަނުގައި، ސްކޭމްތަކުގެ ބާވަތްތަކާއި ޚާއްސަކޮށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިސްރަށްވެހިންނަކީ ސްކޭމްކުރާ ފަރާތްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވާތީ، އެފަދަ އަމަލުތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައީފައިވެއެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި އެފަދަ ނަންބަރަކުން މެސެޖެއް އައިކަމުގައި ވިޔަސް ޖަވާބުނުދިނުމަށާއި ގޮތްނޭނގޭ އެއްވެސް ލިންކަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޒާތީ މައުލޫމާތާއި ބެންކު އެކައުންޓާއި ކޭޝްކާޑާއި ޕިން ނަންބަރު ފަދަ މައުލޫމާތު ނުދިނުމަށާއި ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުވުމަށް ބުނެދީފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އިސްރަށްވެހިންގެ ނާދީން ވަނީ، މުޖުތަމައުގެ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ޚާއްސަކޮށް އިސްރަށްވެހިންނަށް ދިމާވެދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކޮށް، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި އެ ސެޝަނަކީ ވަރަށް މުހިންމު ސެޝަނެއް ކަމަށް ބުނެފައެވެ. އަދި ފުލުހުންނާއި ނާދީ ގުޅިގެން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދާނެކަމަށް ވެސް ފާހަކޮށްފައިވެއެވެ.

https://sun.mv/208294

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަފާތު އުކުޅުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17 ގައެވެ.

އެ ސެންޓަރުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމް މައްސަލަތަކުގައި ދިވެހީންގެ އަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެއެވެ. އޭގެ ތެރެއިން ހޯދިފައިވަނީ އެއް ލައްކަ ރުފިޔާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް