ހުޅުމީދޫގައި ހަތް މީހުންގެ ގުރޫޕަކުން ކުރީގެ ފުލުހަކަށް ހަމަލާ ދީފި

ހަތް މީހުންގެ ގްރޫޕެއްގައި ހިމެނޭ ހަ މީހަކު މާރާމާރީ ހިންގައި މީހަކު ގޯޅިގަނޑެއްގެ ތެރެއަށް ކޮއްޕާލަނީ. އަނިޔާ ލިބުނު މީހާ ވަނީ ދޫކޮށްލައިފަ --- ސްކްރީންޝޮޓް: އެމްވީކްރައިސިސް

އައްޑޫ ހުޅުމީދޫގައި ހަތް މީހުންގެ ގްރޫޕަކުން ކުރީގެ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ކުރީގެ ފުލުސް މީހާ ގެއަކުން ގޯޅިއަކަށް ނުކުންނަ މަންޒަރު ފެނެއެވެ. އެ ތަނަށް ސައިކަލުތަކެއްގައި އައި ހަތް މީހުންގެ ގްރޫޕަކުން އެ މީހާ ގޯޅިގަނޑަކަށް ކޮއްޕާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އޭގެ ތެރެއިން އެކަކު ހުންނަނީ ކުރީގެ ފުލުސް މީހާ ވެއްދި ގޯޅީގެ ބޭރުގައެވެ.

އިރުކޮޅެއްތެރޭ އަނިޔާވި މީހާ ނޫން އެންމެން ގޯޅިތެރެއިން ނުކުމެ ސައިކަލުތަކުގައި ދުއްވާފައި ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އައްޑޫ ހުޅުމީދޫގައި ބަޔަކު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ލިބިފައިވާ ކަމަށެވެ.

ރޭގެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެ މީހާ އަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް، ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް