އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާގެ، ޝެންޖެންއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށައިފި

މޯލްޑިވިއަންގެ ފްލައިޓަކުން އައި ޗައިނާގެ ފަތުރުވެރިންތަކެއް: މޯލްޑިވިއަނުން ވަނީ ރާއްޖެއާއި ޗައިނާގެ ޝެންޖެން އާ ދެމެދު ސީޒަނަލް ދަތުރުތަކެއް ފަށާފައި -- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާގެ ދެކުނު އިރުމަތީގައި އޮންނަ ޝެންޖެންއަށް ސީޒަނަލް ދަތުރުތަކެއް ފަށައިފިއެވެ.

ހޮންކޮންއާއި ޗައިނާ ގުޅުވާލާ ޝެންޖެންއަށް މޯލްޑިވިއަނުން ދަތުރުކުރާނީ ތައިލޭންޑުގެ ވެރިރަށް ބެންކޮކްގެ މަގުންނެވެ.

މޯލްޑިވިއަނުން ޗައިނާގެ ޝެންޖެންއަށް ކުރާ މި ދަތުރުތައް ފެށުމުގެ ގޮތުން ދަތުރުގައި ބޭނުންކުރާނެ މޯލްޑިވިއަންގެ އެއާބަސް 320 މަރުކާގެ މަތިންދާ ބޯޓު ވަނީ ރަސްމީކޮށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފައެވެ.

މިއީ މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެއް ކަމަށާއި، ވެލާނާ އެއާޕޯޓާއި ޝެންޖެން އާ ދެމެދު ފަށާ ދަތުރުތަކުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް މިހާރަށް ވުރެ ފުޅާވެގެން ދާނެ ކަމަށެވެ.

މޯލްޑިވިއަނުން ޗައިނާގެ އާ މަންޒިލަކަށް ދަތުރުތައް ފެށުން: ޗައިނާއަކީ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު -- ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރު އިސްމާއީލް އަމްރާހް އުމަރު ވިދާޅުވީ، ވެލާނާ އެއާޕޯޓާއި ޝެންޖެންއާ ދެމެދު ހުޅުވާލެވުމަކީ ޗައިނާގައި އެ އެއާލައިންގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މިއާ ރޫޓުގެ ސަބަބުން ޝެންޖެންގެ އިތުރުން ވަށައިގެންވާ ސަރަހައްދުތަކާ ދެމެދު ކުރެވޭ ދަތުރުތައް ފުޅާވާނެ ކަމަށެވެ.

ޝެންޖެންއާއި ވެލާނާ އެއާޕޯޓުގެ ރޫޓު މޯލްޑިވިއަނުން އިތުރުކޮށްފައިވާއިރު މިހާރު ވެސް އެ ގައުމުގެ ޝަންހާއީއަށާއި ބެއިޖިންއަށާއި ޗެންޑޫއަށް މޯލްޑިވިއަންގެ އެއާބަސް 320 މަރުކާގެ ފްލައިޓެއްގައި ކޮންމެ ހަފުތާއަކު ދަތުރުތައް ކުރެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް 153،000 ފަތުރުވެރިންނާ އެކު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާއެވެ.

comment ކޮމެންޓް