ހިިޖާމާގެ ސެޝަނަކުން ހަތަރު ކިލޯ ލުއިކޮށްދޭނެކަން އިއުލާންކުރުމާއެކު މިނިސްޓްރީން މައްސަލަ ބަލަނީ

ފަޒީލާ އޭނާގެ ކްލިނިކްގައި: އެ ކްލިނިކްގެ މައްސަލައެއް މިނިސްޓްރީން ވަނީ ބަލަން ފަށައިފައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ހިޖާމާ ޖެހުމުގެ ޚިދުމަތް ދޭ ފަޒީލާ އުސްމާނުގެ 'ފަޒީސް ހިޖާމާ ތެރަޕީ'ން، ހިޖާމާގެ އެންމެ ސެޝަނަކުން ތިން ކިލޯ ނުވަތަ ހަތަރު ކިލޯ ލުއިކޮށްދޭނެ ކަމަށް ބުނުމުން، ހެލްތު މިނިސްޓްރީން މައްސަލަ ބަލަން ފަށައިފިއެވެ.

މީގެ ކުރިން ވެސް ފަޒީލާގެ ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އޭގެ ތެރޭގައި އެކިއެކި ބަލިތަކަށް ފަރުވާ ދޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާއި ހުއްދަ ނުނަގައި ހިޖާމާ ޖެހުންފަދަ ކަންކަން ހިމެނެއެވެ.

https://www.sun.mv/197123

ފަހުން ހެލްތު މިނިސްޓްރީން ވަނީ އޭނާއަށް ހިޖާމާ ޖެހުމުގެ ލައިސެންސް ދީފައެވެ.

ފަޒީސް ހިޖާމާ ތެރަޕީން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ ހިޖާމާގެ އެންމެ ސެޝަނަކުން ތިން ކިލޯ ނުވަތަ ހަތަރު ކިލޯ ލުއިވާނެ ކަމަށާއި މީގެ ކުރިން އެ ސެޝަނަށް ނަގަނީ 1،000 ރުފިޔާ ނަމަވެސް، މިހާރު 500 ރުފިޔާއަށް އެ ސެޝަން ނަގައިދޭ ކަމަށެވެ.

އެ ސެޝަނާއެކު ބަރުދަން ލުއިކުރަން ކަސްރަތު ކުރާކަށް ވެސް ކެއުން ވެސް ވަކި ގޮތަކަށް ބައްޓަން ކުރަން ނުޖެހޭނެ ކަމަށާއި، ހިޖާމާ ޖަހަން ޖެހޭނީ މަހަކު އެއް ފަހަރު ކަމަށް ޕޯސްޓުގައިވެއެވެ. އަދި ހިޖާމާ ޖެހުމަށް ފަހު އެންމެ ކިލޯއެއްވެސް ލުއި ނުވާނަމަ ޚަރަދަށް ދިޔަ ފައިސާގެ އިތުރަށް ކްލިނިކުން 1،000 ރުފިޔާ ދޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން ފަޒީލާ ބުނީ، އޭނާ ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތާ ނުވަ އަހަރުވެއްޖެ ކަމަށާއި، މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުންދާތީ އެ ކްލިނިކް މީގެ ކުރިން ނުވަ މަހަށް ބަންދުކުރުމުން މާލީ ގޮތުން ގެއްލުންތައް ލިބުނު ކަމަށެވެ.

"ކްލިނިކް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެގެން ލިބުނު ގެއްލުން ހޯދޭނެ ގޮތެއް ވިސްނައިގެން ހުރެ މިކަން ކުރީ. ކުރިން އަޅުގަނޑު ސަކްސެސްފުލްކޮށް ހުންނާނެ 2024 ވަނަ އަހަރު ވެސް މިގޮތަށް ކުރިއަށްގެންގޮސް. ސައުވީސް ވަނަ އަހަރު ޖެހި މީހުންގެ 'ބިފޯ އެންޑް އާފްޓާ' ވެސް ހުންނާނެ ވެއިޓް ލޫޒްވި ވަރު ވެސް ހުންނާނެ،" އޭނާ ބުންޏެވެ.

ފަޒީލާ ބުނީ، ހިޖާމާގެ ފަރުވާއަކީ ރަސޫލާގެ ސުންނަތުގައި ވެސް އޮތް ކަމެއް ކަމަށާއި އޭނާއަކީ ރާއްޖޭގައި 30،000އަށް ވުރެ ގިނަ މީހުންނަށް ހިޖާމާ ޖަހައިފައިވާ މީހެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ މަތީ ވަޒީފާތަކުގައި އުޅޭ މީހުން ވެސް އަންނަ ކަމަށާއި، މިފަހުން ވެސް، ބަރުދަނުގައި 110 ކިލޯ ހުރި މީހަކު އެއް ސެޝަނަށް އައިސް، ދެވަނަ ސެޝަނަށް އައިއިރު ފަސް ކިލޯ ލުއިވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

ފަޒީލާ ވަނީ ހިޖާމާ ޖެހުމުގެ ސަބަބުން ބަރުދަން ލުއިވަނީ، ކަސްރަތު ކުރުމުން ވެސް ބަރުދަން ލުއިވާ ގޮތަށް ކަމަށް ބުނެފައެވެ.

"ހިޖާމާ ޖެހީމަ ބްލަޑް ސާކިއުލޭޝަން ރަނގަޅުވަނީ އޭގެ ސަބަބުން. ކަސްރަތު ކުރީމަ ލިބޭ ކަހަލަ ފައިދާ ހިޖާމާއިން މެޑިކަލީ މިކުރަނީ. އެކްސަސައިޒް ކުރީމަ ބްލަޑް ސާކިއުލޭޝަން ރަނގަޅުވަނީ، އޯގަންތަކަށް ރަނގަޅަށް ބްލަޑް ސަޕްލައި ކޮށްދިނީމަ ހަމަ ސޭމް އިފެކްޓް މެޑިކަލީ ގޮތުން މި ކުރަނީ،" އޭނާ ބުންޏެވެ.

އެ ފަރުވާއާ ގުޅޭ ގޮތުން "ސަން"އިން ހެލްތު މިނިސްޓްރީއާ ސުވާލުކުރުމުން އެ މިނިސްޓްރީން ވަނީ ފަޒީސް ހިޖާމާ ތެރަޕީގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ސަރުކާރުން ހިންގާ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ހިޖާމާގެ ސަބަބުން ލޭ ދައުރުކުރުން ރަނގަޅުވެ، ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުވާ ކަމަށް ފާހަގަވާއިރު، ހިޖާމާއިން ލިބޭ ފައިދާތައް ޔަގީންކުރަން އިތުރު ދިރާސާތައް ކުރަން ޖެހެއެވެ.

ސިއްހީ ދިރާސާތައް ދައްކާގޮތުން ބަރުދަން ލުއި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ މިންހެޔޮކޮށް ކެއުމާއެކު ގަވާއިދުން ކަސްރަތު ކުރުމެވެ.

comment ކޮމެންޓް