ދިވެހި ބަސް ނޭނގޭކަމަށް ބުނެ، މިދިޔަ ޖެނުއަރީ މަހު ކޯޓުގައި ތަރުޖަމާނެއްގެ އެހީ ހޯދި ދިވެއްސަކު ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި އިއްޔެ ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން އަމުރުކުރީ ނ. ލަންދޫ، ކާމިނީގެ އަފްލާހް އަސްލަމް ނަމަކަށް ކިޔާ 20 އަހަރުގެ ޒުވާނެކެވެ.
ކޯޓު އަމުރުގައިވަނީ، އޭނާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓު އަމުރުގައި ވާގޮތުން، ސީސީޓީވީ ފުޓޭޖަށް ބަލާއިރު ޖަމާއަތް ހަދައިގެން އޭނާ ފިހާރައެއް ތެރޭ މާރާމާރީ ހިންގިކަމަށް ބެލެވޭއިރު، މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވިކަމަށް ހުށަހަޅާފައިވާ ހެކިތަކުން ބެލެވެއެވެ.
މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އެ މާރާމާރީ ހިންގީ ކުށްކުރާ ދެ ޖަމާއަތަކަށް ނިސްބަތްވާ ބައެއްގެ މެދުގައި ޖެހިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އޭގެއިތުރަށް، މާރާމާރީ ހިންގާފައި ވަނީ ޖަމާއަތް ހަދައިގެން އައިސް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގިނަ އަދަދެއްގެ އާންމުން ތިބި ފިހާރައެއްގެ ތެރޭގައި އަނިޔާވެރިކަން ހިމެނޭ ގޮތަށްކަން ހުށަހަޅާފައިވާ ކަންކަމުން އެނގޭ ކަމަށް ކޯޓުން ބުންޏެވެ.
އެހެންވެ، ފުލުހުން އެދުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރުމަށެވެ.
އެކަމަކު، އެ ގާނޫނުގެ ފަސްވަނަ މާއްދާއިން ފެށިގެން ނުވަ މާއްދާއަށް ފެތޭ ބާވަތުގެ ތުހުމަތެއް އޮތް ކަމަށް ބެލެވެން ނެތުމުން ކްރިމިނަލް ކޯޓުން އޭނާ ބަންދުކޮށްފައި ވަނީ އާންމު އިޖުރާއަތުގެ ދަށުންނެވެ.
މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ވަނީ މައްލައެއްގައި އަފްލާހު ބަންދުކޮށްފައެވެ. އެފަހަރު އޭނާ ބަންދުކުރީ، ކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައެވެ.
އޭނާއަށް ދިވެހިބަސް ރަނގަޅަށް ފަހުމް ނުވާތީ އޭރު އަޑުއެހުން ކުރިއަށް ގެންދިޔައީ ތަރުޖަމާނެއްގެ އެހީގައެވެ.
ކޯޓު އަމުރުގައި ވާގޮތުން މި މައްސަލައިގައި ލައްކައަކަށް ވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ނަގާފައިވާއިރު، އޭގެތެރެއިން ގިނަ ފައިސާ މީނާގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އަދި އޭގެފަހުން އިތުރު މީހުންނަށް އެ ފައިސާ ޓްރާންސްފާ ކޮށްފައިވާކަމަށާއި އެމީހުން ފައިސާ ނަގައިދީފައި ވަނީ މީނާ ބުނެގެން ކަމަށް ބަޔާންދީފައި ވާކަމަށް ވެސް ކޯޓު އަމުރުގައި އައިއޯ ފާހަގަކޮށްފައި ވެއެވެ.