އޭއައި ވީޑިއޯއެއްގެ އަވާގައި ޖެހި، ދުވަސްވީ ބަޔަކު 370 ކިލޯމީޓަރުގެ ދަތުރެއް ކޮށްފި

ކޭބަލް ކާރު ދަތުރުގެ ވީޑިއޯއެއް ފެނިގެން އެއަށް އަރަންވެގެން, މެލޭޝިއާގެ ދުވަސްވީ ދެމަފިރިއަކު ދިގު ދަތުރުކޮށްގެން މަންޒިލަށް ދިޔަ ތަނުން, އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޭކު ވީޑިއޯއެއްކަން ހާމަވެއްޖެއެވެ.

މެލޭޝިއާގެ ނޫސްތަކުގައިވާ ގޮތުން، އެ ދެމަފިރިންނަށް ފޭސްބުކްއިން ފެންނަނީ ރިޕޯޓު ސްޓައިލެއްގައި ހަދާފައިވާ ވީޑިއޯއެކެވެ. 'ޓީވީ ރަކްޔަތު' ކިޔާ މީޑިއާއެއްގެ ނަމުގައި، ލޯގޯ ވެސް ޖަހައި ހަދައިފައިވާ އެ ވީޑިއޯއިން ފެންނަނީ އަންހެން ރިޕޯޓަރެއް ކޭބަލް ކާރުގެ ޚިދުމަތް ދޭ ތަނެއްގައި އިންޓަވިއުތަކެއް ނަގާތަނެވެ. މި ވީޑިއޯއިން ފެންނަނީ ކޭބަލް ކާރު ހުރި މަންޒިލަށް ގޮސް އެ ތަނުގައި ތިބި ފަތުރުވެރިންތަކެއްގެ އިންޓަވިއު ނަގައި ތަނެވެ.

އެ ވީޑިއޯއިން ބުނާ ގޮތުގައި އެ ޕާކް ހުންނަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރާ 370 ކިލޯމީޓަރު ދުރުގައި އޮންނަ ޕެރަކްގައެވެ.

އެ ވީޑިއޯގައި ލިންކެއްވެސް ހިމަނައިފައިވާއިރު، އެއީ ކޭބަލް ކާރުގެ ދަތުރަކަށް ޓިކެޓު ނަގާނެ ޕޯޓަލްއެއް ކަމަށް ބުނެފައިވެއެވެ. އެހެންވެ، އެ ދެމަފިރިން ވަރަށް އުފަލުން ޓިކެޓް ނަގައިގެން ދިޔައީ ކޭބަލް ކާރުގެ ތަޖުރިބާ ކޮށްލާށެވެ. ނަމަވެސް އެއްވެސް ކަމެއް ގޯސް ކަމެއް އެ ދެމީހުންނަކަށްވެސް އަޅައިގަނެފައެއް ނުވެއެވެ.

އެ ޓިކެޓް ނަގައިގެން، ދިގު ދަތުރުކޮށްފައި އެ ދެމަފިރިން ޕެރަކްގެ ޕެންކަލަން ހުލޫއަށް ދިޔައެވެ.

ނަމަވެސް އެ ސިޓީއަށް ދެވުނު އިރު އެއްވެސް ކޭބަލް ކާރެއް ފެންނާކަށް ނެތެވެ. އަދި އެއްވެސް ފަތުރުވެރިޔަކުވެސް ފެންނާކަށް ނެތެވެ. މިއީ ފޭކު ވީޑިއޯއެއްކަން އެނގުނީ އެހާ ހިސާބުންނެވެ.

ދުވަސްވީ އަންހެން މީހާ ހާމަކުރިގޮތުގައި މިހާރު މިފަދަ އޭއައި ވީޑިއޯތައް އަންނަނީ ގިނަވަމުންނެވެ. އަދި މީހުންނަށް އޮޅުވާލަން ވަރަށް ފަސޭހަ ކަމަށާއި ހަގީގަތާއި ފޭކު ވަކި ކުރަންވެސް ވަރަށް އުނދަގޫވާ ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.

އެ ދެމަފިރިން ކުރި ދަތުރުގައި މަޑުކުރި ހޮޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ އެދެމަފިރިންގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، މެލޭޝިއާގެ ފުލުހުން ވަނީ އެއީ ސައްހަ ވީޑިއޯއެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ.

އޭއައި ރެގިއުލޭޝަނެއް އެއްވެސް ގައުމަކުން އަދި ތައާރަފުކޮށްފައި ނުވާއިރު އެ ޓެކްނޮލޮޖީ އަންނަނީ ހީވެސް ނުކުރާ ސްޕީޑެއްގައި ތަރައްގީވަމުންނެވެ. އެއާއެކު އެކި ކަހަލަ ސްކޭމްތަކާއި އޮޅުވާލުންތައް އަންނަނީ ގިނަވަމުންނެވެ. މިފަދަ ހާލަތަތްތަކުގައި ފިޔަވަޅު އަޅާނެ އެކަށީގެންވާ ނިޒާމުތަކެއް ގައުމުތަކުގައި އަދި ގާއިމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް